ބެލްޖިއަމް ކުޅުނު އެންމެ ފަހުގެ އެކުވެރި ކަމުގެ މެޗުން ކޮސްޓަ ރީކާ ބަލިކޮށްފި

އަންނަ ބުރާސްފަތި ދުވަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބެލްޖިއަމްއިން ކުޅުނު އެންމެ ފަހު އެކުވެރިކަމުގެ މެޗުގައި ކޮސްޓަ ރީކާ ބަލިކޮށްފިއެވެ.

ކޮސްޓަ ރީކާއާ ދެކޮޅަށް ބެލްޖިއަމްއިން ރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ ހަތަރެއް އެކެއްގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ރޮމެލޫ ލުކާކޫ މެޗުގައި ދެ ލަނޑު ޖަހާފައިވާއިރު، އަނެއް ދެ ލަނޑު ބެލްޖިއަމްއަށް ކާމިޔާބު ކޮށްދިނީ ޑްރައިސް މާޓެންސް އަދި މިޗީ ބަޓްސްޗުއާއީއެވެ.

މެޗުގައި ކޮސްޓަ ރީކާގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ބްރައިން ރުއީޒްއެވެ. ރޭގެ މެޗުގެ ދެވަނަ ހާފްގައި ބެލްޖިއަމް ކެޕްޓަން އެޑިން ހަޒާޑުގެ ފަޔަށް ލިބުނު ކުޑަ އަނިޔާއަކާއެކު އޭނާ ދަނޑުން ވަނީ ބާލާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ހަޒާޑްގެ ފަޔަށް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށާއި، އޭނާގެ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ބެލްޖިއަމް އަކީ ވޯލްޑް ކަޕްގެ ތައްޓަށް ވާދަ ކުރާނެ ޓީމެއް ކަމަށް ބުނަމުންދާއިރު، ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް ހިމެނެނީ ގްރޫޕް ޖީގައެވެ. އެ ގްރޫޕްގައި ބެލްޖިއަމްގެ އިތުރުން ދެން ހިމެނެނީ އިނގިރޭސިވިލާތާއި ޕެނަމާ އަދި ޓިއުނޭޝިއާއެވެ.  


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...