ބެޑްމިންޓަން މުބާރާތުން ރާއްޖެއަށް ދެ ރިހި މެޑަލް!

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ވާދަކުރާ ދިވެހިރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ދެ އިވެންޓަކުން ރިހި މެޑަލް ހޯދައިފި އެވެ.

ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން އިވެންޓަކުން ރާއްޖެ އަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުނު އިރު، ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނީ އަންހެން ޑަބަލްސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ އެވެ. އަދި މިކްސް ޑަބަލްސްގައި ވާދަކޮށް ރިހި މެޑަލް ހޯދައިދިނީ މުހައްމަދު ސާރިމް އާއި އައިމިނަތު ޝަހުރުނާޒްގެ ޕެއާ އެވެ.

ފައިނަލް މެޗުތަކުގައި ވާދަކުރި ރާއްޖޭގެ ދެ ޕެއާއިން ވެސް ރަނގަޅު ކުޅުމެއް ދެއްކި އިރު، ޑަބަލްސް ފައިނަލުގައ ނަބީހާ އާއި ނަބާހާގެ ޕެއާ ބަލިވީ އިންޑިއާގެ ސިމްރަން ސިންހް އަދި ރިތިކާ ތާކެރުގެ ޕެއާޔާ ވާދަކޮށެވެ. ނަބާހާ އާއި ނަބީހާގެ ޕެއާއިން ވަނީ 2017 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުންވެސް ރާއްޖެއަށް ރިހި މެޑަލް ހޯދާފަ އެވެ. އެއީ ސަރަހައްދީ ފެންވަރުގެ އޯޕަން އިވެންޓަކުން ރާއްޖެ އަށް ބެޑްމިންޓަން ކުޅިވަރުގައި ލިބުނު ފުރަތަމަ މެޑަލްކަންވެސް ފާހަގަކޮށްލެވެ އެވެ.

މިކްސް ޑަބަލްސް ފައިނަލުގައި ޝަހުރުނާޒް އާއި ސާރިމްގެ ޕެއާ ބަލިވީ މޮރިޝަސްގެ ޖޯޖެސް ޖޫލިއަން އަދި އޯރެލީގެ ޕެއާ އަތުންނެވެ. މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުން ރާއްޖެ ރަނގަޅު ކާމިޔާބީއެއް ހޯދި އިރު، އެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖޭގެ އިތުރު ދެ ޕެއާއެއް ވަނީ އެހެން ދެ އިވެންޓުގެ ސެމީ ފައިނަލުގައި ކުޅެ ލޯ މެޑަލްވެސް ހާސިލްކޮށްފަ އެވެ.

އެގޮތުން ފިރިހެން ޑަބަލްސް ބައިން މުހައްމަދު އަޖްފާން އަދި އަހްމަދު ތޯއިފްގެ ޕެއާ ލޯ މެޑަލް ހާސިލްކުރި އިރު، މިކްސް ޑަބަލްސްގެ ބައިގަ ތޯއިފް އަދި ނަބީހާގެ ޕެއާ ވަނީ ލޯ މެޑަލް ހޯދާފަ އެވެ.

މޮރިޝަސްގައި ކުރިއަށް ދިޔަ މި މުބާރާތުގައި ރާއްޖެއިން ވާދަކުރި ހުރިހާ އެތުލީޓުން ވެސް މުބާރާތުގެ އެކި އިވެންޓުތަކުގެ ކުއާޓާ ފައިނަލުގައި ކުޅެފައިވާ އިރު، ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް ވަނީ ފެނިފައެވެ.

މި ފަދަ ކާމިޔާބީއެއް ރާއްޖެއަށް ލިބުނު އިރު، ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ، އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެ އަށް ރަން މެޑަލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި 2020 ވަނަ އަހަރު އޮންނަ އޮލިމްޕިކްސް އަށް ރާއްޖޭގެ އެތުލީޓުން ކޮލިފައިކޮށްދިނުމަކީވެސް އެ އެސޯސިއޭޝަނުގެ އަމާޒެކެވެ.

މޮރިޝަސް އިންޓަނޭޝަނަލްގައި ރާއްޖޭގެ އެތުލީޓުން މިދިޔަ އަހަރުވެސް ވާދަކުރި އިރު، މިދިޔަ އަހަރު ލިބުނީ ދެ ލޯ މެޑަލެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...