ވޯލްޑް ކަޕް ފެށެން ބާކީ ތިން ދުވަހަށް ވެއްޖެ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އިންތިޒާމްކޮށްގެން ބާއްވާ ވޯލްޑް ކަޕަކީ ދުވަހަކު ފުޓްބޯޅަ ނުބަލާ މީހަކުވެސް ކެކި އަރައި އެ މުބާރާތަކަށް އޭނާގެ ސަމާލުކަން މުޅިން ހުއްޓޭ މުބާރާތެކެވެ.

އެ މުބާރާތަކީ ދުނިޔޭގެ ތާރީޚުގައިވެސް، އެންމެ ގިނަ ބަޔަކު އެ ކުޅިވަރެއް ބަލާލުމަށް ފޯރިގައި އެކި ކަހަލަ ހަރަކާތްތައް ބާއްވާ ގައުމީވަންތަކަން ދިރުވައި ކުޅިވަރަކުން ދުނިޔެ އެއްބައިވަންތަ ކުރުވާ ހަމައެކަނި މުބާރާތޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް އަދި ދުނިޔޭގެ ފެންވަރަށް ވާސިލްވެފައި ނެތް ނަމަވެސް، ދިވެހި ފުޓްބޯޅަވެސް އެ މައިދާނާ އަރާ ހަމަކުރާ ތަން ހަމަ ލޮލަށް ފެނުމަކީ ކޮންމެ ދިވެއްސެއްގެވެސް އުންމީދެކެވެ.

ނަމަވެސް، ދިވެހިންނަށް މިއަދު އޮތީ އެހެނިހެން ގައުމުތަކުގެ ފޯރީގައި ބައިވެރިވެ، އަމިއްލަ އަށް ފޯރި ނެގުން. ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އެ މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ބްރެޒިލް އެވެ. ޖުމްލަ ފަސް ވޯލްޑް ކަޕް ޓްރޮފީ އެ ޓީމުގެ އަތް ދަބަސް ތެރެއަށް ވައްޓާލި ނަމަވެސް، އެ ޓީމަށް އެންމެ ފަހުން ވޯލްޑް ކަޕެއް ކާމިޔާބުކުރެވުނީ 2002 ވަނަ އަހަރުގަ އެވެ.

އަދި 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ޗެމްޕިއަން ޖަރުމަނު އަތުން 7-1 އަކުން ބަލިވި ހަނދާންތައް ފޮހެވިފައި ނުވާ އިރު، މިފަހަރުގެ ވޯލްޑް ކަޕްގައި އެކަންތައް ބަދަލުކޮށްލުމަށް އެ ގައުމުން ގަދައަޅާ މަސައްކަތްކުރާނެ އެވެ. ބްރެޒިލް އިން ޖުމްލަ ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕްގެ ތަށި ހާސިލްކުރި އިރު، ދެވަނައަށް އެންމެ ކާމިޔާބު ގައުމުގެ ގޮތުގައި ޖަރުމަނު ވަނީ މުޅިއެކު ހަތަރު ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ.


އެހެން ކަމުން، މިފަހަރުގެ ވޯލްޑް ކަޕް ވެގެން ދާނީ ބްރެޒިލް އާއި ޖަރުމަނުގެ ވާދަވެރިކަން ފެނިގެންދާނެ މުބާރާތެއްގެ ގޮތުގައި ބެލެވޭ. ޖަރުމަނު ޗެމްޕިއަންކަން ހޯދައިފި ނަމަ، ޓްރޮފީގެ ގޮތުން ބްރެޒިލްއާއި އެ ޓީމުން އަރާ ހަމަކުރާއިރު، ބްރެޒިލް ޗެމްޕިއަންކަން ހޯދައިފިނަމަ، ޖަރުމަނާއެކު އެ ދުވާ ހަލުވި ރޭހުން ބްރެޒިލަށް އަނެއްކާވެސް ޖަމްޕް ސްޓާޓެއް ލިބިގެން ދާނެ އެވެ. ވޯލްޑް ކަޕްގެ ތަށި އެންމެ ގިނައިން ހޯދި ތިންވަނަ ގައުމުގެ ގޮތުގައި އިޓަލީ އޮތް އިރު، މިފަހަރުގެ ވޯލްޑް ކަޕްގައި އިޓަލީ ވާދަނުކުރާ ކަމީ އެ ގައުމަށް ލިބުނު ބޮޑު ހުތުރެކެވެ. އިޓަލީވެސް ވަނީ މުޅިއެކު ހަތަރު ފަހަރު ވޯލްޑް ކަޕްގެ ތަށި ކާމިޔާބުކޮށްފައެވެ.


ވޯލްޑް ކަޕްގެ ބައެއް ތަފާސް ހިސާބުތަކަށް ބަލާލާއިރު، އެ މުބާރާތުގައި އެންމެ ގިނައިން ލަނޑު ޖަހައިދިން ކުޅުންތެރިންނަކީ ކޮބައިތޯ ބަލާލުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އެގޮތުން، ވޯލްޑް ކަޕްގައި އެންމެ ގިނައިން ލަނޑު ޖެހި ކުޅުންތެރިއާގެ ގޮތުގައި ރެކޯޑް ފޮތްތަކުގައި ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ ނަން ފަވާލެވިގެން ގޮސްފައިވާއިރު، ތަލަ ރޮނާލްޑޯގެ ފަހަތުން ތިންވަނަ އަށް އެންމެ ގިނައިން ލަނޑު ޖަހާފައިވަނީ ޖަރުމަނުގެ ގާޑް މުލާކަން ފާހަގަކޮށްލެވެ އެވެ.

މިއަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ ކުޅުންތެރިންނަށް ބަލާލާއިރު، ވޯލްޑް ކަޕް މުބާރާތެއްގައި މުޅިއެކު ދިހަ ލަނޑު ޖެހި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ޖަރުމަނުގެ ތޯމަސް މުލާ. އޭނާގެ ފަހަތުން ހަމެސް ރޮޑްރިގޭޒް ހަ ލަނޑު ޖަހާފައިވާ އިރު، މެސީ، ހިގުއައިން، ކޭހިލް އަދި ސުއަރޭޒް، މި ކުޅުންތެރިން ވަނީ މުޅިއެކު ފަސް ލަނޑު ގޯލުގެ ތެރެއަށް ވައްދާލާފައެވެ. 


 

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...