ދަގަނޑޭގެ ހެޓްރިކާ އެކު ނިއު ލީގު ކާމިޔާބުކޮށްފި

އެސްޓީއޯ މާލޭ ލީގުގައި ރޭ ނިއު ރޭޑިއަންޓްގެ އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބުކުރި ހެޓްރިކާއެކު ވެލެންސިޔާ ކޮޅަށް މުޅިއަކު ފަސް ލަނޑު ވައްދާލުމަށް ފަހު ނިއު ރޭޑިއަންޓް މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ލީގުގެ ދެވަނަ ބުރުގައި ބާކީ ދެ މެޗު އޮއްވާ ނިއު އިން ލީގު ކާމިޔާބުކުރުމާ އެކު އެކަން ވެގެން ގޮސްފައިވަނީ ފާއިތުވި ދެ އަހަރު ތެރޭ އެ ކްލަބުން ހޯދި ހަތަރުވަނަ ތައްޓަށެވެ.

ނިމިދިޔަ 2017 ވަނަ އަހަރުގެ މާލޭ ލީގުގެ ފަހުކޮޅު ނިއުގެ ކޯޗުކަމާ ހަވާލުވި ފަހުން، ނިއުގެ ސްޕޭން ކޯޗު އޮސްކާ ބުރުޒޯންގެ އިރުޝާދުގެ ދަށުން ނިއު ހަތަރު މުބާރާތެއްގެ ތަށި ހޯދި އިރު، ނިއު އިން މި ސީޒަނުގެ ޗެމްޕިއަންކަން ހޯދީ 31 ޕޮއިންޓާއެކު އެއްވަނައިގަ އޮވެގެންނެވެ. ދެވަނައިގަ އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 12 މެޗުން 21 ޕޮއިންޓް ލިބިފައިވާ އިރު ތިންވަނައިގަ އޮތް ޓީސީ އަށް ލިބިފައިވަނީ 19 ޕޮއިންޓެވެ.

ލީގުގައި ބާކީ ދެ މެޗު އޮތް އިރު، މިއިން އެއްވެސް ޓީމަކަށް ދެން ނިއު އާ އަރާ ހަމައެއް ނުކުރެވޭނެ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި އާދައިގެ ކުޅުމެއް ފެނުން އިރު، ނިއު ރޭޑިއަންޓުން މެޗު ފެށީ ވަރަށް ލަސް ޓެމްޕޯއަކުންނެވެ. ނަމަވެސް ދެވަނަ ހާފުގައި އޮސްކާ، ރިހާމް އަބްދުލް ޣަނީ ކުޅެން އެރުވުމާ އެކު، މެޗުގެ ޓެމްޕޯ ވަނީ ބޮޑުތަން ބަދަލުވެފައެވެ. ރިހާމް (ބޮބީ) އަކީ ވަރަށް ހަލުވި އަދި ޑްރިބަލް ކުރަން މޮޅު ކުޅުންތެރިއެކެވެ.

އެއާއެކު، ނިއު ރޭޑިއަންޓްގެ ހަމަލާތައް އިތުރުވެ މެޗުގެ 55 ވަނަ މިނެޓުގައި ގޯޓޯ ވަނީ ނިއު އަށް ލީޑު ނަގާދީފަ އެވެ. އޭނާ އެ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަސް ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ވެލެންސިޔާ ކޮޅަށް އިތުރު ލަނޑެއް ކާމިޔާބުވިޔަ ނުދީ ހިފަހައްޓާލުމަށް އެ ޓީމުން ގަދައަޅާ މަސައްކަތްކުރި ނަމަވެސް، ވެލެންސިޔާގެ ކުޅުންތެރިންގެ ވަރުބަލި ފައިތަކަށް ދަގަނޑޭ އާއި ސެންޓޭގެ ހިތްގައިމު ކުޅުން ހުއްޓުވަން ނުކުޅެދުމެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފަހު ފަނަރަ މިނެޓުގައި އެ ދެ ކުޅުންތެރިން ދެއްކި ކުޅުމާއެކު ވެލެންސިޔާ ކޮޅަށް އިތުރު ހަތަރު ގޯލު ވައްދާލި އިރު، ދަގަނޑޭ ވަނީ ހެޓްރިކެއް ފުރިހަމަކޮށް ސެންޓޭ އެއް ލަނޑު ޖަހާފަ އެވެ.

ލީގުގައި ނިއު އަށް ބާކީ ދެ މެޗު އޮތް އިރު، އެ ޓީމް ނުކުންނަން ޖެހޭނީ ޓީސީ އަދި މާޒިޔާ އާ ދެކޮޅަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...