ރާއްޖޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިއާ ނުލާ ގައުމީ ޓީމް މޮރިޝަސް އަށް!

ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިއާ ޒަޔާން ޒަކީ ނުހިމަނައި ގައުމީ ބެޑްމިންޓަން ޓީމް މިއަހަރުގެ މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ވާދަކުރުމަށް އެ ގައުމަށް ފުރައިފި އެވެ.


ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ނިމިދިޔަ އަހަރެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުގައިވެސް އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުރިއެރުންތަކެއް ފެނި، މެޑަލްއަކާ ހަމަޔަށް ޓީމް ވާސިލްކޮށްދިނުން ކަމަށާއި ސްކޮޑަށް ނެގި ކުޅުންތެރިންނާ މެދު އިތުބާރު އެބައޮތް ކަމަށެވެ. ޒަޔާން ޒަކީ ނުހިމަނައި، ގައުމީ ބެޑްމިންޓަން ޓީމް މޮރިޝަސް އަށް ފުރި އިރު، މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކޮށް އޭނާ ވަނީ ރާއްޖެއަށް ލޯ މެޑަލެއް ހޯދައިދީފަ އެވެ. އެނގިފައިވާ ގޮތުގައި ޒަޔާން ޒަކީ ބެޑްމިންޓަން ގައުމީ ޓީމް ވާދަކުރާ އެ މުބާރާތުގައި ހިމަނާފައި ނުވަނީ މާލޭގައި ކުރި ފަރިތަކުރުންތަކަށް ބެލުމަށްފަހު ޓީމެއް އެކުލަވާލުމުންނެވެ.

ޒަޔާން ބުނީ އެ މުބާރާތުގައި ވާދަކޮށް މިދިޔަ އަހަރު މެޑަލެއް ލިބިފައިވާތީ މިއަހަރު ކަނޑައެޅި އެންމެ ބޮޑު އަމާޒަކީވެސް އެ މުބާރާތް ކަމަށާއި ނަމަވެސް، ފުރުސަތު ގެއްލުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ގައުމީ ސްކޮޑުގައި ނުހިމެނުނު ކަމުގައިވިޔަސް، އަމިއްލަ ކުޅުންތެރިއެއްގެ ގޮތުގައި އަމިއްލަ ޚަރަދުގައި ދިޔުމަށް އެންޓްރީ ހަދައިދޭން އެސޯސިއޭޝަނުގައި ހަތަރު ފަހަރެއްގެ މަތިން އެދުނު ކަމަށާއި ނަމަވެސް، އޭގެ ޖަވާބެއް ނުލިބޭ ކަމަށް ޒަޔާން ބުންޏެވެ.

ޒަޔާން ޒަކީ އަންނަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މެލޭޝިއާގެ އޭޝިއާ ބެޑްމިންޓަން އެކަޑެމީގައި ތަމްރީން ހާސިލްކުރަމުންނެވެ. އަދި މިއަދާ ހަމަޔަށް އޭނާގެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް ފެނިފައިވާ އިރު، އޭނާ ވަނީ ދުނިޔޭގެ ރޭންކިންގައިވެސް ކުރިއެރުންތަކެއް ހޯދާފައެވެ. އަދި އެސޯސިއޭޝަންތަކުގެ އުސޫލްތަކަށް ބަލާލާއިރު، ގައުމުން ބޭރުގައި ތަމްރީން ހަދާ އެތުލީޓުންވެސް އާންމުކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ގައުމީ ސްކޮޑުން ޖާގަ ލިބެ އެވެ.

ޒަޔާން މެލޭޝިއާގައި ތަމްރީން ހަދަމުން ގެންދިޔަ ނަމަވެސް، މިހާތަނަަށް އޭނާ އަށްވެސް އައީ ގައުމީ ސްކޮޑުން ފުރުސަތު ދެމުންނެވެ. ނިމިދިޔަ 2017 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރާއްޖޭގެ އެއްވަނަ ބެޑްމިންޓަން ފިރިހެން ކުޅުންތެރިއާގެ ގޮތުގައި ހުރި ޒަޔާން އަކީ ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން ސާކިޓް މުބާރާތަކުން މެޑަލެއް ހޯދި ހަމައެކަނި ދިވެހި ފިރިހެން އެތުލީޓް ކަމަށްވާ އިރު، އެ މުބާރާތުން މެޑަލެއް ހޯދި ފުރަތަމަ ދިވެހި އެތުލީޓްކަންވެސް ފާހަގަކޮށްލެވެ އެވެ.

މި ހިނގާ ޖޫން މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ދިހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މޮރިޝަސް މުބާރާތަށް ރާއްޖޭގެ ފަރާތުން ހަތް އެތުލީޓަކު ފުރާފައިވާއިރު، އެ އެތުލީޓުންނަކީ މުހައްމަދު ސާރިމް، މުހައްމަދު އަޖްފާން، އަހްމަދު ތޯއިފް، ނިބާލް އަހްމަދުގެ އިތުރުން ދެބެން ކަމަށްވާ ނަބާހާ އަބްދުލް ރައްޒާގާއި ނަބީހާ އަބްދުލް ރައްޒާގް އަދި ޝަހުރުނާޒް މޫސާ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...