ރެއާލް މެޑްރިޑް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފި

ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލްގެ މައްޗަށް ކުރިހޯދުމަށް ފަހު ރެއާލް މެޑްރިޑް އެ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދައިފި އެވެ.


ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިފައިވީ ނަމަވެސް، ދެވަނަ ހާފުގައި ހެދުނު ބައެއް ގޯސްތަކާއި ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ގެނައި ތޫނުފިލި ބަދަލުތަކާ އެކު، ރެއާލް މެޑްރިޑް ވަނީ ލިވަޕޫލްގެ މައްޗަށް ގަދަވެގަނެ، އެ ޓީމަށް ދުށްތުރާތަކެއް ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށްވެސް ލަނޑެއް ޖެހިފައި ނުވި ނަމަވެސް، މި ހާފުގައި ވަރަށް އޯޕަން އަދި އެޓޭކިން ގޭމެއް ފެނިފައިވެ އެވެ. އެހެން ނަމަވެސް، ފުރަތަމަ ހާފުގެ މެދުތެރެއިން ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު ސަލާހްގެ ކޮނޑަށް އަނިޔާވުމުގެ ސަބަބުން އޭނާ ބާލުވަން ޖެހުނު އިރު، އެކަމާ ގުޅިގެން ލިވަޕޫލްގެ ގޭމް ޕްލޭން ވަނީ މުޅިންހެން ތޮޅިއަށް ގޮސްފައެވެ.

ނަމަވެސް، އެ ޓީމުން ދޫ ދީފައެއް ނުވެ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން 51 ވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ ސްޓްރައިކަރު ކަރީމް ބެންޒީމާ ވަނީ ލިވަޕޫލްގެ ގޯލްކީޕަރު ކޭރިއަސް އަށް ހެދުނު ގޯހެއްގެ ފައިދާ ނެގުމަށް ފަހު މެޗުގައި ލިވަޕޫލްގެ ގޯލު ފޫއަޅުވާލާފަ އެވެ. ކޭރިއަސް އަށް ހެދުނު އެ ގޯހުން އަރައިގަތުމަށް ލިވަޕޫލުން ގަދައަޅާ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ އިރުކޮޅެއް ފަހުން ސާޑިއޯ މާނޭ ގޯލެއް ޖަހައި ނަތީޖާ އެއްވަރުކުރުމެވެ.

ނަތީޖާ އެއްވަރުވުމާ އެކު، ލިވަޕޫލްގެ އުންމީދުތައްވެސް އާ ވެ، މެޗުން މޮޅުވެވޭނެ ކަމުގެ އިތުބާރު އެ ޓީމަށް އެ ދަނޑިވަޅުގައި ލިބުނެވެ. އެހެން ނަމަވެސް، ޒިދާންގެ ބަދަލު ކުޅުންތެރިއާ ގެރެތު ބޭލް ކުޅެން އެރުމާ އެކު، ރެއާލް މެޑްރިޑް އެއް ގިއަރު ކުރިއަށް ޖައްސާލައިގެން ކުޅުމުގެ ސަބަބުން ލިވަޕޫލަށް ގޮތް ހުސްވި އެވެ.

ބޭލް އެރި ގޮތަށް ޖެހި އޯވާހެޑް ގޯލާއެކު މެޗް ބަލަން ވަދެ ތިބި ގިނަ ބަޔަކު އަންތަރީސްކޮށްލި އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަތަންވެފައި ވަނިކޮށް ގޯލުގެ އޭރިއާ ބޭރުން ބޭލް ފޮނުވާލި ބާރު ހަމަލާއެއް މަތަނުވެ، ކޭރިއަސް އަތުން ލިވަޕޫލުގެ ގޯލަށް ވަނުމާ އެކު، ރެއާލް މެޑްރިޑް ވަނީ ޗެމްޕިއަންކަން ކަށަވަރުކޮށް މެޗުގެ ޓެމްޕޯ އެ ޓީމްގެ ކޮޅަށް ފަސޭހަކަމާ އެކު އަނބުރާލާފަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދުމާ އެކު، ރެއާލް މެޑްރިޑް ވަނީ އެ ކްލަބުގެ 13 ޗެމްޕިއަންސް ލީގު ޓްރޮފީ ހާސިލްކޮށް، ޒިދާންގެ ނަން ރެކޯޑު ފޮތްތަކުގައި ޖަރީކޮށްފަ އެވެ. އިދިކޮޅުން ނުކުތް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ބަލިވުމާ އެކު، އެކަން ވެފައިވަނީ ލިވަޕޫލް ކޯޗުކަމާ ހަވާލުވި ފަހުން ފައިނަލެއްގައި އޭނާ ބަލިވި ތިންވަނަ ފަހަރަށެވެ. ލިވަޕޫލް ވަނީ 2016 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލާއި ލީގު ކަޕް ފައިނަލުންވެސް ބަލިވެފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...