އިނިއެސްޓާ ޖަޕާން ޓީމަކަށް ސޮއިކޮށްފި

ފުޓްބޯޅައިން ދުނިޔެ ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ އަންޑްރޭސް އިނިއެސްޓާ ޖަޕާނުގެ ވިސެލް ކޯބީއަށް ސޮއިކޮށްފި އެވެ.

ސްޕޭނުގެ ގަދަބާރު ބާސެލޯނާގައި ބާވީސް އަހަރުގެ ދިގު މުއްދަތެއް ހޭދަކުރުމަށް ފަހު އެ ކްލަބުން އަލްވަދާއު ކީ އުމުރުން 34 އަހަރުގެ އިނިއެސްޓާ ޖަޕާނުގެ ވިސެލް ކޯބީއަށް ސޮއިކޮށްފައިވަނީ އަހަރެއްގެ މައްޗަށް ތިރީސް މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ އެ ކްލަބަށް ސޮއިކުރުމަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން އިނިއެސްޓާ ބުނީ އޭނާ ޖަޕާނަށް ދިރިއުޅުން ބަދަލުކުރި އިރު، އޭނާގެ ސޮއި ހޯދުމަށް ގިނަ ކްލަބުތަކަކުން އޮފާތަކެއް ހުށަހެޅި ކަމަށާއި ނަމަވެސް، ވިސެލް ކޯބީއަށް ސޮއިކުރީ އޭނާއަށް އެ ކްލަބުން ދިން އިތުބާރުގެ މައްޗަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.

ކޯބީގެ ވެރި ފަރާތް ކަމަށްވާ ހިރޯޝީ މިކިޓާނީ ވިދާޅުވީ އިނިއެސްޓާގެ ސަބަބުން ޖަޕާނުގެ ފުޓްބޯޅަ ވަރަށް ބޮޑުތަން ކުރިއަރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އިނިއެސްޓާގެ ފަލްސަފާގެ ސަބަބުން ކޯބީގެ ކުޅުންތެރިންގެ ފެންވަރު އިތުރުވުމުގެ އިތުރުން ޖަޕާނުގެ ފުޓްބޯޅަ މުޖްތަމައުގެ ފެންވަރުވެސް މަތިވާނެ ކަމަށެވެ.


ބާސެލޯނާގައި ހޭދަކުރި 22 އަހަރުގެ ތެރޭ އިނިއެސްޓާ ވަނީ އެ ކްލަބާ އެކު 32 މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އުމުރުން އެންމެ 12 އަހަރުގައި ބާސެލޯނާގެ ޔޫތު ސެޓް އަޕުން އެ ކްލަބަށް ކުޅެން ފެށި އިނިއެސްޓާ ބާސެލޯނާ އަށް ކުޅެދިން ފަހު މެޗުގައި އެ ޓީމުން ނުކުމެފައިވަނީ ލީގުގައި ރެއާލް ސޮސައިޑޭޑާ ދެކޮޅަށެވެ. ކޯބީއަށް އިނިއެސްޓާ ސޮއިކުރި އިރު، އޭނާ ލާނީ 8 ނަންބަރު ޖާޒީ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ވިސެލް ކޯބީ އޮތީ ޖަޕާނު ލީގުގައި ކުޅުނު ފަނަރަ މެޗުން ލިބުނު ނަތީޖާ އާއެކު އެ ގައުމުގެ ލީގު ތާވަލުގެ ހަވަނައިގަ އެވެ. އެ ޓީމުން މިދިޔަ ސީޒަން ނިންމާލާފައިވަނީ ލީގުގެ ނުވަވަނަ ހޯދައިގެންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...