ކަނޑު ގަދަ ވާނެތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކޮށްފި

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކަށް ވުމާއެކު، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ޤައުމީ ދިފާއީ ބާރުން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ، މިދުވަސްވަރު ދަތުރު ކުރާނަމަ، މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރު ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.  އަދި ދަތުރެއް ކުރާނަމަ، އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމާއި، ދަތުރު ކުރާ ފަސިންޖަރުންނަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމާއި، ހުރިހާ އުޅަނދެއްގައި ވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ ނަސޭހަތްތެރިވެފައެވެ. 

އަދި، ރޭގަނޑު ދަތުރުތައް ކުރާނަމަ، އިތުރަށް ސަމާލުކަން ދިނުމަށާއި، ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމާއި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ދަތުރުތައް ރޭވުމަށްވެސް ޤައުމީ ދިފާއީ ބާރުން ވަނީ އެދިފައެވެ. މީގެއިތުރުން ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް މޫސުމުގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުކަން ދިނުމަށާއި، ޑައިވިންގ ކުރުމާއި މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރޭވުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ. 

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބެމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި، ދަތުރު ކުރާ ފަރާތްތަކުން ދަތުރުކުރަމުންދާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް، ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...