ކެމްޕެއިން ދަތުރުތައް ކުރިއަށް ދަނީ ވަރަށް ކާމިޔާބުކޮށް- ޖަމީލު އުސްމާން

ރައީސް ޔާމީން 2018 ކެމްޕެއިން އޮފީހުގެ ފަރާތުން، 5 އަތޮޅަކަށް އެއްފަހަރާ ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ފެށިގެން ކުރިއަށްދާއިރު، ރައްޔިތުންގެ ފަރާތުން އެކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޖަމީލު އުސްމާން ވިދާޅުވެއްޖެއެވެ.

ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، މި ހަފްތާ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ކެމްޕޭން ދަތުރުތައް މިފަހަރު އަމާޒުކޮށްފައިވަނީ، ނ. ބ. ރ. ވ. އަދި އދ. އަތޮޅުތަކުގެ ރަށްތަކަށް ކަމަށެވެ. އަދި މި ދަތުރުތަކުގައި ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާކަން ޖަމީލް އުސްމާން ފާހަގަކުރެއްވޮއެވެ.

ޖަމީލް އުސްމާން ވިދާޅުވީ، މިދަތުރު ތަކުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މުއައްސަސާތަކުގެ ވެރިންވެސް ބައިވެެރިވެވަޑައިގަންނަވާ ކަމަށެވެ.  އޭގެ ތެރޭގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފްގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުވެސް ހިމެނިވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.

ޖަމީލު އުސްމާން ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން ކުރާ ދަތުރުތައް މިފަހަރު އާބާދީ ކުޑަ ރަށްތަކަށް އަމާޒުކޮށްފައިވާއިރު، އެރަށްރަށުގެ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބައްލަވަމުން އަންނަ ކަމަށެވެ.  އަދި އެރަށްރަށުގެ ރައްޔިތުންނަށް ދަތިވާ ކަންކަން އޮޅުންފިލުވައި، އެކަންކަމަށް ޙައްލު ހޯދައި ދިނުމުގެ ގޮތުން ވާހަކަ ދެކެވިފައިވާނެ ކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.

ބ އަތޮޅުގައި ހުންނަވައިގެން މައުލޫމާތު ދެއްވަމުން ޖަމީލް އުސްމާން އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އާބާދީ ކުޑަ ރަށްތަކަށްވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން އަންނަ ކަމަށާއި ރަށްތަކުގެ ރައްޔިތުން އެކަންކަން ބަލައިގަންނަ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...