ވާލުގެ ޒަރީއާއިން ޖެހޭ ނިޕާ ވައިރަސް ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އެބައޮތް- އެޗްޕީއޭ

ވާލުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ނިޕާ ވައިރަސް އަވަށްޓެރި އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި ފެތުރެމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެކަމާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ. 

ނިޕާ ވައިރަސް އަކީ، ޓެރޯޕަސް އާއިލާގެ ވާލުން އަދި އޫރުން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ. މިބާވަތުގެ ވާ ކައިފައިވާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ ކާނާ ބޭނުންކުރުމުން މި ބަލި އިންސާނުންނަށް ޖެހެއެވެ. މީގެ އިތުރުން މިބަލި ޖެހިފައިވާ މީހުންނާއި ގާތްކޮށް އުޅޭ ފަރާތްތަކަށްވެސް ބަލިޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
 
މިބަލިޖެހުމުން ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނި ހިނގައިދާނެއެވެ. ބަލިޖެހޭ ގިނަ މީހުންނަށް އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި، ހުންއައުމާއި، ބޮލުގަިއ ރިއްސުމާއި، ގައިގައި ރިއްސުމާއި، ކަރުތެރެ ސަކަރާތްވުން ހިމެނެއެވެ. 

ބަލިޖެހޭ ބައެއް މީހުންގެ ސިކުނޑިއަށް ބަލީގެ އަސަރުކޮށް، ބޯއެނބުރުމާއި، ހެއަށް ގޮތްވުން އަދި ފިޓްޖެހުން ފަދަ އަލާމާތްތައް ފެނެއެވެ.  ނިޕާ ވައިރަސްއަށް ވަކި ޚާއްސަ ފަރުވާއެއް ނުވޭ. އެހެންނަމަވެސް، ޑެންގީ، ޒިކާ ފަދަ ބަލިތަކަށް ފަރުވާ ދޭ ފަދައިން މިބައްޔަށްވެސް ފަރުވާ ދެވެނީ ބަލީގެ އަލާމާތްތަކަށެވެ. އެޗްޕީއޭއިން ލަފާދޭ ގޮތުގައި ނިޕާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކެއް ހުރެއެވެ. 

އެގޮތުން ގަސްތަކުގައި އަޅާ މޭވާ ވާލުން ރައްކާތެރި ކުރުމާއި، ރުކުރާ ނެގުމުގައި ވާލުން ރައްކާތެރި ކުރުން ހިމެނެއެވެ.  މޭވާ ބޭނުންކުރުމާއި، ވިއްކުމުގައި އާއްމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމާއި، މޭވާ މަށައިގެން ދޮވެގެން ބޭނުން ކުރުމާއި، އަދި އެއްވެސް ތަންކޮޅެއް ހަލާކުވެފައިވާ މޭވާ ބޭނުން ނުކުރުމާއި، ރަނގަޅަށް ދޮވެގެން މޭވާ ބޭނުންކުރުމަކީ ނިޕާ ވައިރަސްއިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންކަމެވެ.

އެޗްޕީއޭއިން ބުނީ ނިޕާ ވައިރަސް ފެތުރެމުން ދިއުމުގެ ސަބަބުން އިންޑިޔާގެ ކެރެލާ ސްޓޭޓްގެ ހަތަރު ޑިސްޓްރިކްޓަކަށް މިދުވަސްވަރު ދަތުރު ކުރާނަމަ ސަމާލުވުމަށް އިންޑިޔާއިން އަންގާފައިވާ ކަމަށެވެ. އެ 4 ޑިސްޓްރިކްޓަކީ، ކޮޒިކޯޑު، މަލައްޕުރަމް، ވަޔަނާޑް އަދި ކަންނޫރު. މިހާތަނަށް ރާއްޖެއިން ނިޕާ ވައިރަސް ފެނިފައިވާ ނުވި ނަމަވެސް މިބަލި ފަތުރާ ބާވަތުގެ ވާ ރާއްޖޭގައި އުޅޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެހެންކަމުން މި ނުރައްކާތެރި ބަލި ރާއްޖޭގައިވެސް ފެތުރިގެން ދިއުމުގެ ބިރު އެބައޮތެވެ. އެޗްޕީއޭއިން ބުނީ، ނިޕާ ވައިރަސްއާއި ގުޅޭގޮތުން މައުލޫމާތު ސާފުކޮށް، އެބައްޔާ ގުޅޭ ކަންކަން އެ އެޖެންސީއިން މޮނިޓަރ ކުރަމުން އަންނަ ކަމަށާއި، ރާއްޖެ މިބަލިން ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުން އަންނަ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...