"ރައްޔިތުންގެ ފުރުސަތު"- މިއީ ރައްޔިތުންނާއި ގުޅުން ހުރި އަގުބޮޑު ޝޯއެއް- ޝަކީބް

ޗެނަލް13އިން މި ރަމަޟާންމަހުގައި ގެނެސްދޭ ރައްޔިތުންގެ ފުރުސަތު ޕްރޮގްރާމްއަކީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުން ހުރި ޕްރޮގްރާމެއް ކަމަށް އެ ޕްރޮގްރާމް ހުށައަޅުއްވާ އަޙްމަދު ޝަކީބް ވިދާޅުވެއްޖެއެވެ. 

ޕްރޮގްރާމް ކާމިޔާބް ކުރައްވާ ފަރާތަކަށް 1 މިލިއަން ރުފިޔާގެ އިނާމެއް ހުށައަޅާފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް މިފަދަ ޕްރޮގްރާމަކުން ބައިވެރިންނަށް އެންމެ ބޮޑު އަދަދެއްގެ ފައިސާގެ އިނާމް ދޭ ޕްރޮގްރާމްކަން ފާހަގަކޮށްލެވެއެވެ.

މި ޕްރޮގްރާމްގެ ޕްރެޒެންޓަރ ޝަކީބް ވިދާޅުވީ، ޕްރޮގްރާމްގެ ޒަރިއްޔާއިން ރައްޔިތުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ދާ ތަރައްޤީގެ މަޝްރޫއުތަކާއި ގުޅުން ހުރި މަޢުލޫމާތު ލިބިގެން ދާނެ ކަމަށެވެ. މީގެއިތުރުން، މި ޕްރޮގްރާމް އެންމެ ޚާއްސަ ވާ އެއް ސަބަބަކީ ޕްރޮގްރާމްގެ ހުރިހާ މައުޟޫ އެއްވެސް ރައްޔިތުންނާއި ގުޅުން ހުރުމުން ކަމަށާއި ހުރިހާ ސުވާލެއްވެސް އަމާޒްވެފައި ވަނީ އެކަމަށް ކަމަށެވެ. 

ޕްރޮގްރާމް ކުރިޔަށް ދާ ގޮތާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ޝަކީބް ވިދާޅުވީ، ޕްރޮގްރާމް ބެހިފައިވަނީ ހަތަރު ބަޔަކަށް ކަމަށެވެ. އެގޮތުން ފުރުތަމަ އޮންނަ ބަޔަކީ ބުރު އެނބުރުން ކަމަށާއި ބުރުގައި ތަފާތު އެކި މަޢުޟޫތައް ހިމެނޭ ކަމަށެވެ. މީގެއިތުރުން ޓީވީ ސްކްރީންއިން ރާއްޖޭގައި ކުރިޔަށް ދާ ތަރައްޤީގެ މަޝްރޫއުގެ ފޮޓޯ އެެއް ދައްކާލުމުން އެ ފޮޓޯގައި ފެންނަ މަންޒަރު ދިމާ ކުރަން ޖެހޭ ބައެއްވެސް ހިމެނެއެވެ. އަދި ހޮވާލެވޭ އަތޮޅެއްގެ ތެރެއިން، އެ އަތޮޅާއި ގުޅޭ ގޮތުން ކުރާ ސުވާލު ދިމާ ކުރަން ޖެހޭއެވެ.

މި ޕްރޮގްރާމަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ރައްޔިތުންގެ ފުރުސަތު ޕްރޮގްރާމް އަކީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ރޭ 10:30ގައި ޗެނަލް13އިން ވަގުތުން ގެނެސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 18 އަހަރުންމަތީގެ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވަޑައިގެންނެވޭނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...