ގައިދީއެއްގެ ހިތުގެ އާދޭސް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު

 


 


 


ރިޔާސީ އިންތިޚާބާއި ގާތްވި ވަރަކަށް ސިޔާސީ ބައެއް ބޭފުޅުންގެ ހިތައް ދަނީ ނުތަނަވަސްކަން ވެރިވަމުންނެވެ. ޚާއްސަކޮށް ގައިދީންނެވެ.

ވެރިކަން ބޭނުންވިޔަސް އިންތިޚާބާ ހަމައަށް އާދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުން ހިތުގައި ވޭނާ ކެކުޅުންތައް އުތުރި އަރަމުންދާ ގައިދީން ވެސް އެބަތިއްބެވެ. އެގޮތުން ކުރީގެ ރައީސް ނުވަތަ އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދުގެ ހިތުގައި އަޅަމުންދާ ވޭނަށް ކެތް ނުކުރެވިގެން ސްކައިޕް މެދުވެރިކޮށް ރައްޔިތުން ގާތު އާދޭސް ކުރަމުންދާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ.

ޒަމާނުއްސުރެ ވެރިކަމާ ތޮޅެމުންދާ ކެރަފާ އާއިލާއަށް އުފަން، މުހައްމަދު ނަޝީދަކީ ވެރިކަމުގެ ދަހިވެެތި ކަމުގައި އަގަލެއް ނެތި ކުޑަ ދުވަހުއްސުރެ މަގުމަތީގައި ހަމަނުޖެހުން އުފެއްދުމުގައި ދުވަސްތައް ހޭދަކުރެއްވި ބޭފުޅެކެވެ. 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވިތާ އެންމެ ތިން އަހަރު ދުވަހުގެ ތެރޭގައި މަގާމުން އިސްތިއުފާދެއްވީ ގާނޫނާ ޚިލާފް އެތައް އަމަލުތަކެއް ހިންގުމުގެ ސަބަބުން ރައްޔިތުން މަގުތަކަށް ނުކުމެ  ނުރުހުން ފާޅު ކުރުމުން އެކަމަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ނުކުޅެދިގެންނެވެ.

ވެރިކަމުގެ ދުވަސްވަރު ފަނޑިޔާރަކު ނިޒާމުން ގެއްލުވާލި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުވާކޮށް ތޭރަ އަހަރުގެ ހުކުމެއް އިއްވުން ވެގެން ދިޔައީ ނަޝީދުގެ ސިޔާސީ ހަޔާތް ކަފުން ކުރެވުނު ސަބަކަށެެވެ. ޖަލުގައި ދިހަ މަސްދުވަސް ހޭދަކުރެއްވުމަށް ފަހު، މައިބަދައަށް ބޭސްފަރުވާ ކުރުމަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނަވާ ހުޅަނގުގެ ޔަހޫދީންގެ މަދަދު ހޯދައިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތް ފެއްޓެވިއެވެ.  އެދުވަސްވަރު ދޮން މީހުންގެ ފަރާތުން މަދަދު ފޯރުކޮށްދިން ނަމަވެސް ވަގުތު ކުޑަތަންވި އިރު ދޮން މީހަކު ވެސް އަދި ދިވެއްސަކުވެސް ނަޝީދުގެ ފަހަތްޕުޅުގައި އުޅޭތަނެއް ނުފެނެއެވެ. އިނގިރޭސިވިލާތާއި ސްރީލަންކާއާ ދެމެދު ދަތުރުފަތުރުކުުރުން ނޫން ކަމެއް ނަޝީދު ކުރައްވާތަނެއް ނުފެނެއެވެ.

ހަޔާތުގައި ޖެހުނު ލައްގަނޑުގެ ސަބަބުން ވެރިކަމަށް ވަޑައިގަތުމަށް ހުރި ހުރިހާ ދޮރުތަކެއް ބަންދުވުމުން ނަޝީދު ވިސްނެވީ އެމްޑީޕީ ތެރެއިން އެހެން ބޭފުޅަކަށް ވެރިކަމަށް ވަޑައިގަނެވެން އޮތް ހުރިހާ މަގެއް ބަންދުކުރުމުގެ މަސައްކަތް ކުރުމެވެ. އެގޮތުން ޕާޓީ ތެރެއިން އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމުގެ ބަދަލުގައި ހަމައެކަނި ނަޝީދު ޕްރައިމަރީގައި ބައިވެރިވެވަޑައިގެން ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ނުލިބޭނެހެން ނަޝީދު މިވަނީ މަސައްކަތް ފަށާފައެވެ.

ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތި ޕްރައިމަރީއަށް ގިނިކަންޏާ ކުރިމަތިލައްވައިގެން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ އިލެކްޝަންސް ކޮމިޝަނަށް ގޮން ޖައްސަވަމުން ވެރިކަމަށް ވަޑައިގަތުމުގެ ޚިޔާލީ ފޮލާ ކައްކަވަމުން ގެންދަވާ އިރު، އިލެކްޝަނުން ވަނީ ނަޝީދު ބައިވެރި ކޮށްގެން ބާއްވާ ޕްރައިމަރީ ބާތިލު ކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ނަމަވެސް އެހުމެއް ކެހުމެއް ނެތި، ގަދަބަސް ވިދާޅުވުމަށް ފަހު ނަޝީދު ވިދާޅުވަމުން ގެންދަވަނީ އޭނާއަށް ވާދަ ނުކުރެއްވޭ އިންތިޚާބެއް ރާއްޖޭގައި ބާއްވައިފިނަމަ، ވަކި ސަރުކާރެއް އުފައްދާނެ ކަމަށެވެ. ނަޝީދުގެ ބަސްމަގާއި ވިސްނުންފުޅު ހުރި ގޮތް ރައްޔިތުންނަށް ހާމަވުމުން ރައްޔިތުންގެ ފަރާތުން ނުރުހުން ލިބުން ފިޔަވައި އެހެން އެއްވެސް ކަމެއް ނުވިއެވެ. ރާއްޖޭގައި ވަކި ސަރުކާރެއް އުފައްދާކަށް ދިވެހިން ބޭނުމެއް ނުވިއެވެ.

އެހިސާބުން ނަޝީދަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެގެން ދިޔައިރު، އަނެއްކޮޅުން ގައިދީއެއްގެ ގޮތުގައި ހުންނަވައިގެން ގާނޫނުތަކާ ގަވާއިދުތަކާ ޚިލާފަށް ނަޝީދު ގެންދަވަނީ ސްކައިޕު މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ އެކި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ  ގުޅުއްވާ އާދޭސް ދަންނަވަމުންނެވެ. ނަމަވެސް އެއަޑު އަހާނެ ރައްޔިތަކު ނެތެވެ. ސަބަބުތައް ބައިވަރެވެ. ގައިދީއަކަށް ވެފައި، ހުކުމް ތަންފީޒުކުރަމުންދާ އެއްވެސް ގައިދީއަކަށް އިންތިޚާބެއްގައި ވާދަ ނުކުރެވޭނެކަން ދިވެހި ރައްޔިތުންނަށް ގަބޫލުކުރެވޭތީއެވެ.

ނަމަވެސް ނަޝީދަށް އެއީ ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ގޮތް ފަހިކޮށްދެއްވުމަށް ނަޝީދު ވަނީ ރައީސް ޔާމީންގެ އަރިހުގައި އެދިވަޑައިގެންފައެވެ. ނަމަވެސް ރައީސް ޔާމީންއަކީ ގާނޫނަށް ތަބާވާ ބޭފުޅަކަށް ވުމުން ގާނޫނާ ޚިލާފަށް ނަޝީދަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ދެއްވާނެ ކަމަކަށް ބުއްދި ސަލާމަތުން ހުރި އިންސާނަކު ގަބޫލެއް ނުކުރާނެއެވެ. މަސައްކަތް ކުރުމަކީ އޮތް ކަމެކެވެ.

އެހެންކަމުން ފަހު ވަގުތާ ހަމައަށް ވެސް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވުމަކީ ނަޝީދަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން ޖަޒީރާ ރައީސްގެ ނަން ބޮޑު ހިފައިގެން ނުކުމެ ދިވެހިންގެ ގާތުގައި އާދޭސްކޮށް ހިތުގެ ކެކުޅުންތައް ބޭރުކޮށްލެވިދާނެއެވެ. ޖަޒީރާގެ ނަން ބޯޑު އަޅުވަން ކެރިވަޑައިގެން ނަމަވެސް މިކުޑަކުޑަ ޖަޒީރާއަށް ވަޑައިގެން ރައްޔިތުންގެ ކުރިމަތީ ހުއްޓިވަޑައިގަންނަވާކަށް ހަމަ ޔަގީނުން ވެސް ނަޝީދަކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ.

ހަމައެކަނި އޮތް ގޮތަކީ ގައުމުން ބޭރަށް އަރުވާލެވިގެން ހުންނަވާ ފަރުދާގެ ފުރަގަހުން ގާނޫނާ ޚިލާފަށް ރައްޔިތުންނަށް މެސެޖުތައް ދިނުމާއި، ދެއިރު ދެދަޅައަށް ޓުވީޓުތައް ކުރައްވާ ހިތުގެ ރިހުމާއި ކެކުޅުންތައް ބޭރުކޮށްލުމެވެ. އެއްދުވަސް ވަރެއްގައި ވެރިކަން ހޯދައި ދޭނެ ކަމަށް ބުނަމުން ދިޔަ ދޮންކުލައިގެ އާރުކާޓީންނާއި، ހިތްރުޙޭ ފަދަ ބަސްތައް ދޭތެރެ ދޭތެރެއިން ބުނަމުން ދިޔަ ބޭރުގެ ސިޔާސީ ބައެއް ފަރާތްތަކުން ވެސް ނަޝީދަށް ފަހު ވަގުތު ދިނީ ބީރު ކަންފަތެކެވެ. އެބައި މީހުންނަކަށް މިއަދު ނަޝީދުގެ ރުއިމުގެ އަޑެއް ނީވެއެވެ.

ހިތުގައި އަޅަމުންދާ ވޭނެއް އިހުސާސެއް ނުކުރެވެއެވެ. ވާނީ ވެސް އެހެންތާއެވެ. ނަޝީދަކީ ގައިދީއެއްކަން މިހާރު މުޅި ދުނިޔެވެސް ގަބޫލު ކުރެއެވެ. މުސްތަގުބަލް އުޖާލާ ކަމަށް ނަޝީދަށް ހީފުޅު ވިޔަސް މުސްތަގުބަލުގައި ވެސް ނަޝީދަށް ޖެހޭނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ކަރުނައަޅަން އިންނާށެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޙަސަންބެ 24 މެއި 2018 - 05:26

    ނަށީދުކިތަންމެވަރަކަށްރުޔަސްދެންވެރިކަމަކަށްނާދެވޭނެ

  2. ޙަސަންބެ 24 މެއި 2018 - 05:25

    ނަށީދުކިތަންމެވަރަކަށްރުޔަސްދެންވެރިކަމަކަށްނާދެވޭނެ

  3. ޙަސަންބެ 24 މެއި 2018 - 05:25

    ނަށީދުކިތަންމެވަރަކަށްރުޔަސްދެންވެރިކަމަކަށްނާދެވޭނެ

  4. ހަސަންފުޅު 24 މެއި 2018 - 05:24

    މީވަރަށްސަޅިރިޕޯޓެއް

  5. ޢަލީ 24 މެއި 2018 - 05:11

    ސަޅި

ގުޅުން ހުރި
Loading...