ހިޔާ މަޝްރޫޢުގެ ދަށުން އެމްއޭސީއެލްއިން އަޅާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


ސަރުކާރުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ

އެމްއޭސީއެލްއިން ބުނީ އެކުންފުނީގެ އެޕާޓްމަންޓްތަކުގެ ފޯމްތައް ކުންފުނީގެ މުވައްޒަފުންނަށް ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. ޖުމްލަ ތިންސަތޭކަ ބާރަ އެޕާޓްމަންޓް ހިމެނޭ ގޮތަށް ދޫކުރާ މި އެޕާޓްމަންޓްތަކުގެ ތެރޭގައި 1 ކޮޓަރިން ފެށިގެން 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޙާއްސަ އިސްނެންގެވުމުގެ މަތިން ފަށާފައިވާ މި މަޝްރޫއަކީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން މިހާތަނަށް ފަށާފައިވާ އެންމެ ބޮޑު މަޝްރޫޢުއެކެވެ. ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލްގެ ފަނަރަ ބުރީގެ ދެ ޓަވަރު އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ.

އެކުންފުނީގެ ދެ ޓަވަރު އެޅުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގުރޫޕާއެވެ. ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ހިޔާ މަޝްރޫޢުގެ ދަށުން، ބައެއް ކުންފުނިތަކުން މިހާރު ވަނީ ޓަވަރުތަކުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ ހިޔާގެ ނަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއެއް އިފްތިތާހުކޮށްދެއްވާފައެވެ. މިމަޝްރޫޢުގެ ދަށުން އެއްލައްކައަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެއެވެ. އެމްއޭސީއެލްއިން އިމާރާތްކުރާ ޓަވަރުތަކުގެ ފައުންޑޭޝަންގެ ޢަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.



މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...