ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދުތައް އިސްލާހު ކުރަންޖެހޭ: އިލެކްޝަންސް ކޮމިޝަން

އިލެކްޝަން ކޮމިޝަންގެ މެމްބަރުން

ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދުތައް އިސްލާހު ކުރަން އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް އަންގައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެ ކޮމިޝަން ރައީސް އަހްމަދު ޝަރީފް ސޮއިކުރައްވާ ޕާޓީތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ބައެއް ޕާޓީތަކުގެ އަސާސީ ޤަވާއިދުގެ މާއްދާތައް، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެހެންވެސް ބައެއް ގާނޫނުތަކާ ތަޢާރަޒުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ޕާޓީތަކުގެ އަސާސީ ޤަވާއިދާއި، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި، އަދި ހެދިފައިވާ ޤަނޫނުތަކާއި އެއްގޮތްވާން ޖެހޭނެ ކަމަށް އެކޮމިޝަންގެ ބަޔާނުގައިވއެވެ. ސިޔާސީ ޕާޓީތަކުން ހަދާފައިވާ އަސާސީ ޤަވާއިދާއި، އެއްވެސް ޤާނޫނަކާ ފުށު އަރާނަމަ، އެ ޤަވާއިދު ބާތިލްކުރާކަން އެ ޕާޓީއަކުން ބަޔާންކޮށް އަސާސީ ޤަވާއިދުގައި އެކަން ހިމަނަން ޖެހޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފޮނުވި ބަޔާނުގައިވެއެވެ.

މިކަމާ ގުޅޭގޮތުން ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، އަސާސީ ޤަވާއިދު އިސްލާހް ކުރަން އަބަދުވެސް ސިޔާސީ ޕާޓީތަކަށް ފޮނުވާ ކަމަށާއި އަދި އެކަން ތަކުރާރުކޮށް ޕާޓީތަކަށް ހަނދާން ކޮށްދެމުން އަންނަ ކަމަށެވެ. މީގެއިތުރުން ޕާޓީތަކުގެ ޤާނޫނަށް ގެނައި އިސްލާހާއެކު ރާއްޖޭގައި ހަދާފައިވާ ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް އަކުރަމް ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދުގައި ޤަނޫނާ ޚިލާފް ކަމެއް ވާނަމަ، އެކަން ބަދަލުކުރަންޖެހޭ ކަމަށެވެ. ޕާޓީތަކުގެ އަސާސީ ޤަވާއިދު އިސްލާހް ކުރުމަށް އެމްޑީޕީއަށް މީގެކުރިންވެސް ފޮނުވާފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

ޕާޓީތަކަށް އަސާސީ ޤަވާއިދު އިސްލާޙް ކުރެވޭނީ އެ ޕާޓީއެއްގެ ކޮންގްރެސް ނުވަތަ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިގެނެވެ. އިލެކްޝަންސް ކޮމިޝަނުން މިގޮތަށް އަންގާފައިވާއިރު، އެ ކޮމިޝަނުން ވަނީ ޕްރައިމަރީ ބާއްވާނެ އުސޫލުވެސް އާއްމުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކުން ބާއްވާ ރިޔާސީ ޕްރައިމަރީގައި ކުށްވެރިން ބައިވެރިވާނަމަ ޕްރައިމަރީތައް ބާތިލްކުރެވޭނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...