ތުރުކީގައި ބަޣާވަތް ކުރަން އުޅުނު 104 ސިފައިން އުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި

2016 ވަނަ އަހަރު ތުރުކީގައި ކުރަން އުޅުނު ބަޣާވާތް ނާކާމިޔާބު ވުމުން އެޤައުމުގެ ރައްޔިތުން އުފާ ފާޅު ކުރަނީ.

2016 ވަނަ އަހަރުގައި ތުރުކީގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން މަސައްކަތް ކުރިކަމުގެ ކުށް ސާބިތުވި 104 ސިފައިން އުމުރަށް ޖަލަށް ލުމަށް އެޤައުމުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

ބަޣާވަތް ކުރަން އުޅުނުކަން ސާބިތުވެ އުމުރު ދުވަހުގެ ޖަލު ޙުކުމް އިއްވާފައިވާ 104 މީހުންނަކީ، ކުރިން ސިފައިންގެ ގޮތުގައި މަސައްކަތް ކުރި މީހުންނެވެ. ތުރުކީވިލާތުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، އެމީހުންގެ މައްޗަށް ކުރި ޙުކުމަކީ، އާއްމުކޮށް ކުރާ ޖަލު ޙުކުމްތަކާއި ތަފާތު ޙުކުމެއް ކަމަށާއި، އެޙުކުމްގެ ދަށުން ޤައިދީންނާއި މެދުގައި އަމަލު ކުރާނީ ވަރަށް ހަރުކަށި ގޮތަކަށް ކަމަށެވެ.
 
ތުރުކީގެ ކޯޓަކުން ވަނީ އިތުރު 52 މީހުންގެ މައްޗަށްވެސް ޖަލު ޙުކުމްތަކެއް ކޮށްފައެވެ. އެމީހުންގެ ތެރޭގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ކުށް ސާބިތުވެފައިވާ މީހުންނާއި، ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

އެގޮތުން ރައީސް އަވަހާރަކޮށްލަން މަސައްކަތް ކުރި 21 މީހަކަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ 31 މީހުން 7 އަހަރާއި 11 މަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވެއެވެ.

2016 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު، ތުރުކީއަށް ގެންނަން އުޅުނު އަސްކަރީ ބަޣާވަތް ނާކާމިޔާބު ވުމާއެކު، ތުރުކީގެ ރައީސް އުރުދުޣާން ވަނީ ބަޣާވަތް ގެންނަން މަސައްކަތް ކުރި މީހުންނަށް ހައްޤު އަދަބު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ބަޣާވާތް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފަންސާސް ހާސް މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ ވަޒީފާއިންވެސް ވަކިކޮށްފައެވެ. 

ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ދުއިސައްތަ ފަސްދޮޅަސް މީހުން ވަނީ މަރުވެފައެވެ. އަދި ދެހާހަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...