ޕެރެގުއޭގެ އެމްބަސީވެސް ޤުދުސްއަށް ބަދަލުކޮށްފި

އިޒްރޭލްގެ ތެލްއަވީވްގައި ހުރި ޕެރެގުއޭގެ އެމްބަސީ ޤުދުސްއަށް ބަދަލު ކޮށްފިއެވެ.

އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމާއެކު، މެދުތެރޭ އެމެރިކާގެ ޤައުމެއް ކަމަށްވާ ގުއަޓެމާލާއިން އެޤައުމުގެ އެމްބަސީ ޤުދުސްއަށް ބަދަލުކޮށްފައިވަނީ ބުދަ ދުވަހުއެވެ. ޕެރެގުއޭ އަކީ އެމެރިކާ އެކޭ އެއްފަދައިން އެމްބަސީ ޤުދުސްއަށް ބަދަލުކުރި 3 ވަނަ ޤައުމެވެ.

ޤުދުސްގައި ޕެރެގުއޭގެ އެމްބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޤައުމުގެ ރައީސް ހޮރަކޮއޯ ކާޓެސް އަދި އިޒްރޭލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.  ހަފްތާއެއްހާ ދުވަސް ކުރިން އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމާއެކު، ފަލަސްތީނުގެ އެތައްހާސް ރައްޔިތުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.
 
އެމެރިކާއިން ޤުދުސްއަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގެންފައިވާއިރު، އިޒްރޭލާއި ފަލަސްތީނާއި ދެމެދު ސުލްޙަ ޤާއިމް ކުރުމުގެ މަސައްކަތުގައި އެމެރިކާގެ ހިއްސާއެއް ބޭނުން ނުވާ ކަމަށް ފަލަސްތީނުން ވަނީ ބުނެފައެވެ.  އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމާއެކު، ދުނިޔޭގެ އެތައް ޤައުމަކުން އަންނަނީ އެމެރިކާގެ އަމަލަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެފަދަ ނިންމެވުމަށް ނިންމަވާފައިވާއިރު، މީގެ ކުރިން އެމެރިކާގައި ވެރިކަން ކުރެއްވި ބޭފުޅުން އެފަދަ ނިންމެވުމެއް ނިންމަވާފައި ނުވެއެވެ. ކުރީގެ ވެރިންވެސް ޤަބޫލު ކުރެއްވި ގޮތުގައި ޤުދުސްއާއި މެދު ގޮތެއް ނިންމަން ވާނީ ފަލަސްތީނާއި އިޒްރޭލާއި މެދުގައި މަޝްވަރާތަކެއް ކުރެވިގެން ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...