ޓެކްނޮލޮޖީގެ އެހީގައި ތަޢުލީމް ފޯރުކޮށްދިނުމުގެ ފަހަތުގައި ހުންނެވީ ރައީސް ޔާމީން- މިނިސްޓަރ އައިޝަތު ޝިހާމް

ސުކޫލް ތަކަށް ޓެބްލެޓް ހަވާލުކުރުމަށް އިސްކަންދަރު ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަދައްކަނީ: ފޮޓޯ ޗެނަލް13

ޓެކްނޮލޮޖީގެ އެހީ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކޮށްގެން ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ފަހަތުގައި ހުންނެވީ ރައީސް ޔާމީން ޔާމީން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.


ސުކޫލް ތަކަށް ޓެބްލެޓް ހަވާލުކުރުމަށް އިސްކަންދަރު ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ ކުރިއަރަމުން މިދާ ތަޢުލީމީ ނިޒާމްގައި އުނގެނުމާ އުނގަންނައިދިނުމުގެ މަސައްކަތުގައި ލިބޭ ކާމިޔާބީ ފާހަގަ ކުރަން ޖެހޭ ކަމަށެވެ. އަދި ތައުލީމީ ދާއިރާއަށް އަންނަމުން މިދާ އިންޤިލާބީ ބަދަލުގެ ފަހަތުގައި ހުންނެވީ ރައީސް ޔާމީން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ތަރައްޤީ ތަކާ ގުޅޭ ގޮތަށް ތަޢުލީމީ ނިޒާމް ބައްޓަން ކުރަން ޖެހޭ ކަމަށާ، އެގޮތުން ޓެކްނޮލޮޖީގެ އެހީ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކޮށްގެން ދަރިވަރުންނަށް ތައުލީމް ހޯދައިދިނުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ޑިޖިޓައިޒޭޝަން ޕްރޮޖެކްޓްގެ މަސައްކަތަށް ތައްޔާރު ވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ސުކޫލްތަކާއެކުގައި ކުރެވިފައި ވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖެއަށް ބަލާއިރު، އަތޮޅު ފެންވަރުގެ ސުކޫލްތަކާ، ރަށްރަށުގެ ސުކޫލްތަކުގައި ޓީޗަރުން ޓެބްލެޓަށް އަހުލުވެރި ކުރުމަށް ހިންގަމުންދާ ޓްރެއިނިންގ ހިންގުމުގެ ސަބަބަކީ އޮންލައިން ކޯސްތައް ފުރިހަމައަށް ގެންދެވުން ކަމަށެވެ. އަދި ޓެބްލެޓް ބޭނުން ކުރުމަށް މުޅި ރާއްޖޭގެ ކޮންމެ ސުކޫލަކަށް އިންޓަނެޓް ގުޅައިދިނުމުގެ މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރިއަށް ދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މަދު ސުކޫލެއްގައި ނޫނީ މިހާރު އެ މަސައްކަތް އެއްކޮށް ނިމިފައި ވާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ ދެވަނަ ޓާރމުން ފެށިގެން ދަރިވަރުންނަށް ޓެބްލެޓް ދިނުމަށް ހަމަޖެހިފައި ވާއިރު، އޭގެ ކުރިން ޓީޗަރުން އެކަމަށް އަހުލުވެރި ވާންޖެހޭކަމަށެވެ. އަދި އެކަހަލަ ބޮޑު ޕްރޮޖެކްޓެއް ކުރިއަށް ގެންދާއިރު، ބެލެނިވެރިންގެ ފަރާތުންވެސް ހާއްސަ އެހީތެރިކަމެއް ބޭނުންވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސުކޫލުތަކަށް ޓެބްލެޓް ހަވާލު ކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އިސްކަންދަރު ސުކޫލްގެ ޓީޗަރުންނާ ޓެބްލެޓް ހަވާލު ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...