މިއަދަކީ، ރައީސް ޔާމީންގެ 59 ވަނަ އުފަން ދުވަސް!


މިއަދަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ދިވެހި ޤައުމާއި ހަވާލުވެވަޑައިގެން ހުންނެވި ވަލިއްޔުލް އަމްރް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އުފަން ދުވަހައެވެ. މި ދުވަހުގެ މުނާސަބާތުގައި އެމަނިކްފާންއަށް ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުން އުފަންދުވަހުގެ ތަހްނިޔާ އަރިސް ކުރަމުން ދާއިރު، އެމަނިކްފާންއަށް ޗެނަލް 13 ގެ ފަރާތުން ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެމެވެ

21 މޭ 1959 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަކީ މިއަދު ދިވެހި ރާއްޖެ މިދެކޭ ތަރައްޤީޤެ ބަނީކަން ކަށަވަރުއެވެ. އެމަނިކުފާނު ތުއްޕުޅު އިރުން ފެށިގެން ދިވެހި ޤައުމާއި ދޭތޭރޭ ތަސައްވުރެއް ގެންގުޅުއްވަމުން ގެންދެވިއެވެ.

މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިވެހި ރާއްޖޭގެ ވަލިއްޔުލް އަމްރްގެ މަގާމާއި ހަވާލްވެޑައިގަތުމަށް ފަހު މިއަދު ދިވެހި ރާއްޖެއަށް އިންގިލާބީ ބަދަލު ތަކެއް ގެންނަވަމުން ދާ މަންޒަރު މިއަދު ދަނީ ފެންނަމުންނެވެ. އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ 2013 ނޮވެންބަރު 17 ވީ އާދީއްތަ ދުވަހުއެވެ.


ދިވެހި ރާއްޖެއަށް އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވުމުގައި ޒުވާން ދުވަސްވަރުން ފެށިގެން މަސައްކަތް ކުރެއްވި އިރު، ރާއްޖޭގެ ރައްޔިތުންނަށް ގިނަ ކަންކަން އެމަނިކްފާންގެ މިންނެތް މަސައްކަތުން މަގު ފަހި ކޮށްދެއްވާފައިވެއެވެ.

އެގޮތުން ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ޤައުމަށް ގެންނަވަން ފެށްޓެވި އިޞްލާޙީ ބަދަލުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިޞްލާޙީ އެތައް ކަމަކަށް ވަކާލާތު ކުރައްވައި، ޤާނޫނުތަކަށް އެކަށޭނަ ބަދަލުތައް ގެންނެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކަށް ރައީސް ޔާމީން ވެގެންދާނެއެވެ.

އެގޮތުން ވޯޓުލެވޭ ޢުމުރު 18 އަހަރަށް ދަށްކުރުމަށްޓަކައި ތަފާތު އެކި ފަހަރުތަކުގައި މަޖިލީހުގައި ވަކާލާތު ކުރައްވައި، 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވޯޓުލުމުގެ ޙައްޤު ހޯއްދަވައިދެއްވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅަކީވެސް ރައީސް ޔާމީނެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މަގާމްއާއި ހަވާލްވަޑައިގަތުމާއި ހަމަޔަށް ދިވެހި ރާއްޖެއަށް އެކި ގޮތްގޮތުން ހިދުމަތް ކުރެއްވުމުގައި އެމަނިކްފާން ސާބިތުކަންމަތީ ހުންނެވިއެވެ. ސިޔާސީ ދާއިރާއަށް ރައީސް ޔާމީން ވެދެވަޑައިގެންނެވީ 1993 ވަނަ އަހަރުއެވެ.


އެ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައި ވެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މިލަދުންމަޑުލު ދެކުނުބުރީގެ މެންބަރުކަން ވިދިވިދިގެން 4 ދައުރުގައި ކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މުލަކަތޮޅު މުލަކު ދާއިރާގެ މެންބަރެއްގެ ގޮތުގައި. ތައުލީމީ ގޮތުންވެސް ގާބިލް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ފަށާތަޢުލީމާއި، މެދުމަދުރަސީ އަދި ޘާނަވީ ތަޢުލީމު ފުރިހަމަ ކުރެއްވީ މާލޭގެ މަޖީދިއްޔާ ސްކޫލުނެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ ލުބުނާނުގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުންނެވެ.


އެއަށްފަހު، އެމެރިކާއަށް ވަޑައިގެން ކެލިފޯނިއާގެ ކްލެއަރމޮންޓް ގްރެޖުއޭޓް ސްކޫލުން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓަރޒް ޑިގްރީއަށް ކިޔަވައި ވިދާޅުވި. އެމަނިކުފާނު ސަރުކާރުގެ ޚިދުމަތް ފަށްޓަވާފައިވަނީ، 27 ޖުލައި 1978 ގައި ލޭންޑް ރަޖިސްޓްރޭޝަން ޑިވިޜަންގެ މައްސާޙުގެ މަޤާމުނެވެ.

އޭގެފަހުން، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ އިނގިރޭސި ސެކްރެޓެރީ ކަމުގެ މަޤާމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރިސަރޗް އޮފިސަރު ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ފޮރިން އިންވެސްޓްމަންޓް ސަރވިސަސް ބިޔުރޯގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަޤާމާއި، ޑެޕިޔުޓީ ޑިރެކްޓަރު ކަމުގެ މަޤާމު ފުރުއްވާފައިވޭ. ރާއްޖޭގެ ވިޔަފާރި އިދާރާ، އެސް.ޓީ.އޯ.ގެ ޗެއަރމަނެއްގެ ޙައިޘިއްޔަތުން، އެ ކުންފުނީގައި 13 އަހަރު ޚިދުމަތް ކުރެއްވިއެވެ.

ހަމަ އެ އަހަރުތަކުގެ ތެރޭގައި، 1993 ވަނައަހަރުން ފެށިގެން 2005 ވަނައަހަރާ ހަމައަށް ދިވެހިރާއްޖޭގެ ކަރަންޓާބެހޭ މައި ކުންފުނިކަމަށްވާ ސްޓެލްކޯގެ ޗެއަރމަންކަން ކުރެއްވި. އަދި އައިލެންޑް އޭވިއޭޝަންގެ ޗެއަރމަންކަމާއި އެސްޓީއޯގެ ޗެއާމަންކަންވެސް ކުރެއްވިއެވެ.

ސިޔާސީ ހަޔާތާއި ޤައުމުގެ ހުންގަނާއި ހަވާލްވެޑައިގެން ހުންނެވި ރައީސް ޔާމީން އަކީ އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަންކަމަށްވެސް ހާއްސަ އިސްކަމެއް ދެއްވާ ބޭފުޅެކެވެ. އެގޮތުން އެމަނިކްފާން ކައިވެނިފުޅު ބައްލަވައިގަތީ، ގަލޮޅު ރޯޒަރީ ފާޠިމަތު އިބްރާހީމްއާ. މި ދެބޭފުޅުންގެ ކައިވެންޏަށް 33 އަހަރު ފުރިފައިވާއިރު، މިދެމަފިރިކަނބަލުންނަށް 3 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ، 2 ފިރިހެން ބޭފުޅުންނާއި، އަންހެން ބޭފުޅެކެވެ. 

މިއަދު ދިވެހި ރާއްޖެއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އެމަނިކްފާންގެ ތަސައްވަރާއި ހިތްވަރާއި މަސައްކަތުން ގެންނަވަމުން ދާއިރު، އެމަނިކްފާންއަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ތައުރީފްގެ ބަސްތައް އޮހެމުން ދޭއެވެ. އެމަނިކުފާނަށް ޝުކުރުގެ ބަސްތައް އޮހެމުން ނުދާންވީ އެއްވެސް ސަބަބެއް ނެތެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދެއަހަރާއި ބައިގެ މިކުރު މުއްދަތުގެ ތެރޭގައި ހީވެސް ނުކުރާފަދަ ބޮޑެތި ހެޔޮ ބަދަލުތަކެއް ރާއްޖޭގެ ތަރައްގީއަށް ގެނެސްދެއްވާފައެވެ.

ރައްޔިތުން އެތައް ދުވަހެއްވައްދެން އެދެމުން ގެންދިޔަ އެތައް ކަމެއް އެމަނިކުފާން އެވަނީ ކޮށްދެއްވާފައެވެ. އަދި ރައްޔިތުންގެ ތެރެއިން ބައެއް މީހުން އުއްމީދުވެސް ނުކުރާވަރުގެ ބޮޑެތި ބަދަލުތަކެއް އެމަނިކުފާނު އެ ގެންދަވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެނެސްދެއްވަމުނެވެ. އެގޮތުން ބަލާލި ކޮންމެ ދިމާލަކުން ވެސް ތަރައްގީގެ އެތައް މަޝްޜޫއުތަކެއް ފެންނަން އެބަހުރިއެވެ.

ވަޒީރުންނާއި ސިޔާސީ މަގާމުތަކުގައި ހުންނެވި ފަރާތްތަކުން ފާހަގަކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަކީ ހުރިހާ ވުޒާރާތަކުން ވާ ހުރިހާ ކަމެއް ގާތުން ބައްލަވަން ބޭނުންވާ ބޭފުޅެކެވެ. އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވާ ޤައުމަށް ހެޔޮ ގޮތް މެދުވެރިވުމަށްޓަކައި ކެނޑިނޭޅި ކޮންމެ ދުވަހަކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ޤައުމުގެ ލާބަޔާ މަންފާއަށް އަބަދުމެ މަސައްކަތް ކުރައްވާ ވެރިޔެކެވެ. ކަންކަމާއި ކުރިމަތި ލައްވަން ކެރިވަޑައިގަންނަވާ ފަހްެރުވެރި ޤައުމީ ބަތަލެކެވެ.

ޤައުމުގައި މިވަގުތު ދިރިހުރި ދިވެހި ލޭ ހިނގާ ދޮންބަންޑާރައިންނަށް ދޫނުކުރާ ފަދަ އިޚުލާސްތެރި ވެރިއެއް. ގައުމު ދެކެ ލޯބިވާ ކޮންމެ މީހަކުމެ އެކަމަށްޓަކައި ޝުކުރުވެރިވާނެ ފަދަ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކާއި ކުރިއެރުންތައް އެމަނިކުފާނު އެގެންދަވަނީ ގެނެސްދެއްވަމުން. ރައީސް ޔާމިންގެ އުފަން ދުވަހުގެ ތަޙްނިޔާ އެމަނިފާންއަށް ޗެނަލް ތާޓީންގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އަރިސް ކުރަމެވެ. އަދި އެމަނިކުފާނަށް ދިގު އުމުރުފުޅެއް ދެއްވުމަށް އެދި ދުޢާކުރަމެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...