ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް ޓީމުގެ 10 ކުޅުންތެރިން ވަރލްޑް ކަޕުން ނުފެންނާނެ: ކޯޗު

2016 ވަނަ އަހަރުގެ ޔުއެފާ ޔޫރޯ މުބާރާތް ކާމިޔާބުކުރި ޕޯޗުގަލް ޓީމުގައި ހިމެނުނު 10 ކުޅުންތެރިންނަށް މިއަހަރުގެ ވަރލްޑް ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

ވަރލްޑް ކަޕްގައި ކުޅޭ ޕޯޗުގަލްގެ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާނުކުރިއިރު، ޔޫރޯ 2016 އެ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑު ޖަހައިދިން އެޑަރ ވެސް ޓީމުގައި ހިމަނާފައެއް ނުވެއެވެ. ވަރލްޑް ކަޕަށް ދާ ޕޯޗުގަލް ޓީމުން ފުރުސަތު ގެއްލުނު އިތުރު ކުޅުންތެރިންގެ ތެރޭގައި އާންޑްރޭ ގޯމޭޒް، ރެނާޓޯ ސަންޗޭޒް، ނަނީ އަދި އެލީސޫ ހިމެނެއެވެ.

ޕޯޗުގަލްއިން ރަސްމީކޮށް އިއުލާނުކުރި ސްކޮޑުގައި ގޯލްކީޕަރުންގެ ގޮތުގައި ހިމެނެނީ އެންތަނީ ލޮޕޭޒްއާއި ބޭޓޯގެ އިތުރުން ރުއީ ޕެޓްރީޝިއޯއެވެ. ޑިފެންޑަރުންގެ ތެރޭގައި ބްރޫނޯ އަލްވޭސް، މާރިއޯ ރުއީ، ޕެޕޭ އަދި ރަފައޭލް ގެރޭރޯ ހިމެނެއެވެ.

މީގެ އިތުރުން މިޑްފީލްޑަރުންގެ ތެރޭގައި ޖާއޯ މުޓީނިއޯ، ބްރޫނޯ ފަނާންޑޭޒް އަދި އެޑްރިއެން ސިލްވާ ފަދަ ކުޅުންތެރިން ހިމެނޭއިރު، ފޯވަޑުންގެ ލިސްޓުގައި ބަނާޑޯ ސިލްވާ، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ރިކާޑޯ ކުއަރެސްމާ ހިމެނެއެވެ.

އަންނަ މަހު ފަށާ ވަރލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ހިމެނެނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ޕޯޗުގަލްގެ އިތުރުން ދެން ހިމެނެނީ އީރާން، މޮރޮކޯ އަދި ސްޕެއިންއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...