ކެމްޕެއިންގައި ހަރަކާތްތެރިވާ ވޮލެންޓިއަރުންގެ އަދަދު އަށްޑިހަ ހާހަށްވުރެ މައްޗަށް ހިނގައްޖެ- މޫސާ

ޕީޕީއެމް އިން ހިންގަން ހަމަޖެހިފައިވާ ކެމްޕެއިން ހަރަކާތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ރީކޯ މޫސަ ވާހަކަ ދައްކަދަނީ: ފޮޓޯ ޗެނަލް13

ޕީޕީއެމް އިން ބާއްވާ ކެމްޕެއިން ހަރަކާތްތަކުގައި އިސްވެ މަސައްކަތްކުރާ ވޮލެންޓިއަރުންގެ އަދަދު އަށްޑިހަ ހާހަށް ވުރެން އިތުރު ވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބަށް ތައްޔާރު ވުމުގެ ގޮތުން ޕީޕީއެމް އިން ހިންގަން ހަމަޖެހިފައިވާ ކެމްޕެއިން ހަރަކާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް، އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ފާއިތުވި އަހަރުގެ އޮގަސްޓުން ފެށިގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބޮޑެތި ހަރަކާތްތަކެއް ބޭއްވިފައި ވާކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޕާޓީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.


މޫސާ ވިދާޅުވީ ޕާޓީގެ ކެމްޕެއިން އުސޫލުތައް ހަމަޖެހިފައި އޮންނަގޮތުން ކޮންމެ ރަށެއްގައިވެސް ފޯކަލް ގްރޫޕްތައް އޮންނަ ކަމަށެވެ. އަދި ޖުމްލަކޮށް މިހާތަނަށް ވޮލެންޓިއަރުންގެ ގޮތުގައި ކެމްޕެއިން ހަރަކާތްތަކުގައި މަސައްކަތް ކުރުމަށް އަށްޑިހަ ހާސް އާއި، ނުވަދިހަ ހާސް އާއި ދެމެދުގެ އަދަދަކަށް މީހުން އިތުރު ވަމުން ދާކަމަށް ރީކޯ މޫސާ ވިދާޅުވިއެވެ.

ރީކޯ މޫސަ އިތުރަށް ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށްފަހު ބާއްވާ ބޮޑު ޖަލްސާތަކުންވެސް ދުވަހެއް ދުވަހަކަށް ޕާޓީއަށް ތާއީދު ކުރާ މީހުންގެ އަދަދު އިތުރުވަމުން ދާކަން ޖަލްސާތައް ބަލާލުމުންވެސް އެނގިގެންދާނެ ކަމަށެވެ. އަދި ކެމްޕެއިން ހަރަކާތްތައް މިހާތަނަށް ކުރިއަށްދާ ގޮތުގެ ތަފްސީލް ހާމަ ކުރަމުން ރީކޯ މޫސާ ވިދާޅުވީ އެކަން ކުރަމުން ގެންދަނީ ރަނގަޅަށް މެނޭޖް ކުރެވިގެން ޒުވާނުންނާ، ކަންބަލުންނާ އަދި އުމުރުން ދުވަސްވީ މީހުންނާ ވާހަކަ ދައްކައިގެން ކަމަށެވެ.


މީގެއިތުރުން މޫސަ ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބަލާއިރު، މިފަހަރުގެ އިންތިޙާބު ކާމިޔާބު ކުރުމުގައި މާކަބޮޑު ގޮންޖެހުންތަކެއް ނެތް ކަމަށެވެ. މޫސާ ވިދާޅުވީ ޑިމޮކްރެޓިކް އިންތިހާބެއްގެ އުސޫލުން ޕީޕީއެމް އިން ކުރަމުން ގެންދާ މަސައްކަތްތައް ބަހާލައިގެން، އިދާރީ ގޮތުންނާ ސިޔާސީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ގޮންޖެހުމެއްނެތި ކުރިއަށް ގެންދެވޭ ކަމަށެވެ.


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބަށް ތައްޔާރު ވުމުގެ ގޮތުން ޕީޕީއެމް އިން ހިންގަން ހަމަޖެހިފައިވާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންގެ ހާލު ގާތުން ބަލަމުން ގެންދާނެއެވެ. އަދި މި ދަތުރުތައް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައި ވާއިރު، މިނިސްޓަރުންނާ، ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ޕީޕީއެމް ކެމްޕެއިން އޮފީހުގައި މަސައްކަތް ކުރައްވާ ވަރަށް ގިނަ ބޭފުޅުން މި ދަތުރު ތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމް އިން މައުލޫމާތުދެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...