ސްޓެލްކޯއާއި ގުޅޭގޮތުން ދޮގު ޚަބަރު ފެތުރުމަށްފަހު މިހާރު ނޫހުން މަޢާފަށް އެދިއްޖެ

ސްޓެލްކޯގެ އަގު ވެއްޓޭފަދަ ގޮތަކަށް ޚަބަރެއް ފެތުރުމަށްފަހު "މިހާރު" ނޫހުން އެކަމަށް މަޢާފަށް އެދިއްޖެއެވެ.

އެނޫހުން މަޢާފަށް އެދިފައިވަނީ "ކަރަންޓުގެ ބޮޑު ބިލާއެކު ޝަކުވާ އިތުރުވެއްޖެ" މި ސުރުހީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ.

ސްޓެލްކޯގެ ކިބައިން މަޢާފަށް އެދި މިހާރު ނޫހުން ވަނީ ބަޔާނެއް ނެރެފައެވެ.  އެ ނޫހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެޚަބަރަކީ ނޫސް ޗާޕު ކުރާ ތަމުގެ ބިލަށް ބިނާކޮށް ލިޔެފައިވާ ޚަބަރެއް ކަމަށާއި ދެ މަސް ކޮށްފައި އެތަނަށް ފޮނުވި ބިލުގެ އަގު، ކުރީގެ ބިލުތަކަށްވުރެ ބޮޑުވެފައި ނުވާކަމަށެވެ.

މީގެއިތުރުންވެސް، އެބަޔާނުގައި ބުނެފައިވަނީ ދެ މަހުގެ ބިލު އެއްކޮށް އައިސްފައިވަނީ އިމާރާތުގެ ރީޑިންގ ނަގަން އައި ސްޓެލްކޯގެ މުވައްޒަފުންނަށް، މީޓަރު ހުރި ތަނުގައި ސާމާނުތަކެއް ބަހައްޓާފައި ހުރުމުން އެމުވައްޒަފުންނަށް އެތަނަށް ނުވަދެވުމުންކަމަށެވެ.  އެނޫހުން ޝާއިޢުކުރި ޚަބަރަކީ ނުބައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚަބަރެއްކަމަށާއި ދެ މަހުގެ ބިލު އެއްކޮށް އައިރުވެސް، ޚަބަރުގައި ބުނެފައިވާ ފަދަ އަގު ބޮޑު ބޭންޑުތަކެއް، ކަރަންޓުގެ އަގަށް ސްޓެލްކޯ އިން ޗާޖުކޮށްފައި ނުވާކަމަށް "މިހާރު" ނޫހުން ވަނީ ބުނެފައެވެ. 

އެ ނޫހުން ބުނީ، ފެތުރުނު ދޮގު ޚަބަރުގެ ސަބަބުން ސްޓެލްކޯއަށް ލިބިދާނެ ގެއްލުމަކަށްޓަކައި މަޢާފަށް އެދޭ ކަމަށާއި އަދި ކިޔުންތެރިންގެ ކިބައިންވެސް މަޢާފަށް އެދޭ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...