ސިޔާސީ ހަލަބޮލި ކަމާއި އެކުވެސް ރާއްޖޭއިން ފިޗް ގެ ރޭޓިންގް ދަމަހައްޓައިފި

ސިޔާސީ ހަލަބޮލި ކަމާއި އެކުވެސް ރާއްޖެއަށް "ފިޗް ރޭޓިންގްސް" އިން ދީފައިވާ ބީ ޕްލަސްގެ ސޮވެރިންގ ރޭޓިންގ ދެމެހެއްޓުމަށް ފިޗް އިން ނިންމައިފިއެވެ. 

2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ސޮވެރިން ރޭޓިންއެއް ދިނުމަށްފަހު، މި އަހަރު ފުރަތަމަ ފަހަރަށް މި ރޭޓިންގ ވަނީ މުރާޖާ ކޮށްފައެވެ. ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން މާލީ ވަޒީރު އަހްމަދު މުނައްވަރު ވިދާޅުވީ، ކުރީ ފަހަރެކޭ ވެސް އެއްފަދައިން މިފަހަރުގެ ރޭޓިންގ ވެސް ހަދާފައިވަނީ ފިޗްގެ ފަރާތުން ރާއްޖެއަށް ޒިޔާރާތްކޮށް ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

ފިޗްއިން ނެރެފައިވާ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖެއަށް ދީފައިވާ ބީ ޕްލަސް ރޭޓިންގ ބިނާވެފައިވާނީ ރާއްޖޭގެ އިގްތިސާދީ ދުވެލީގެ ރަނގަޅު ތަސައްވަރެއް އޮތުމާއި، ފަތުރުވެރިކަމުގެ ދާއިރާ ބާރު ސްޕީޑެއްގައި ކުރިއަރަމުން ދިއުމާއި ދައުލަތުން އާމްދަނީ އިތުރު ކުރުމުގެ ޤާބިލިއްޔަތު އޮތުމާ އެކު މީގެ ސަބަބުން ދައުލަތުގެ ދަރަނީގެ އަދި ބޭރު ފައިސާގެ ރިޒާވްވެސް މިވަގުތު ހާލަތަށް ދެމެހެއްޓޭނެ ކަމަށް ބެލެވޭތީއެވެ.

ފިޗްގެ ރިޕޯޓްގައި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި އިޤްތިޞާދު އެއް ސިނާއަތަކަށް ބަރޯސާވެފަ އޮތުމާއި، ދައުލަތުގެ ދަރަނި އިތުރުވުން ހިމެނެއެވެ. މިކަމާއި ގުޅިގެން މާލީ ވަޒީރު މުނައްވަރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ފޮރިން އިންވެސްޓްމަންޓްތަކާއި، ވިޔަފާރިތަކާއި އަދި އުމްރާނީ ތަރައްޤީގެ ސިޔާސަތުތަކުގެ ތެރެއިން ފުރުސަތުތައް ދެމުންދާ ކަމަށެވެ.

މީގެއިތުރުން ދައުލަތުގެ ދަރަނި އިތުރު ވުމުން ދިމާވާނެ ހިރާސްތައް ކުޑަ ކުރުމަށްޓަކައި ދައުލަތުން 2017 ވަނަ އަހަރުން ފެށިގެން ސޮވެރިންގ ޑިޕެލޮޕްމަންޓް ފަންޑެއް އެކުލަވާލާއި އެ ފަންޑަށް ފައިސާ ޖަމާކޮށް ފަންޑު ފުޅާ ކުރަމުން ދާކަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ރޭޓިންގެ ފައިދާ މުޅި އިޤްތިޞާދަށް ލިބިގެން ދާނެ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް އެ ރޭޓިން ދަމަހައްޓަން މަސައްކަތް ކޮަށް އެކަމުގެ ފަރުދީ ޒިންމާ އުުފުލަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...