ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަ ރައީސް އިލްތިމާސްކުރައްވައިފި

ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިބުމަށް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. 
 
އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. އެމަނިކުފާނުގެ ޚިޠާބުގައި ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވި ކަމަށްޓަކައި ﷲ ސުބުހާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، މި މާތް މައްސަރުގެ ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވާފައިވެއެވެ.

ރަމަޟާންމަހުގެ ހެޔޮއެދުންތައް އަރިސްކުރައްވަމުން އެމަނިކުފާނުގެ ޚިޠާބުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ އުޚުއްވަތްތެރި ރައްޔިތުންނަށް އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި ބަރަކާތްތެރި މުނާސަބަތުގެ ތަހުނިޔާ އެމަނިކުފާނު ފޮނުއްވިއެވެ.

މީގެ އިތުރުން، ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް ދެއްވާ ވަރަށް މުހިންމު ރޫޙާނީ މައްސަރެއް ކަމަށާއި، ފުއްސެވުމާއި ރުއްސެވުމުގެ މައްސަރެއް ކަމަށާއި އަދި މިއީ އަޅުކަމާއި ތަޤުވާގެ އަގުހުރި ފުރުޞަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިމައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވީހިނދު، މި މައްސަރުގެ މާތްކަމާއި އިތުރުކަން ބޮޑުވެގެންދާ ކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ރޯދައިގެ މަތިވެރި އަޅުކަން އަދާކުރުމާއެކު، ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމާއި، ފަރުޟު ފަސްނަމާދަށް ފަރުވާތެރިވުމަށް ދިވެހި އެންމެހައި މުސްލިމް ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...