ތިލަފުށީގެ ކުނީގެ މައްސަލައަށް ދާއިމީ ޙައްލު ހޯދުމަށް އޭޑީބީއިން އެހީވާން ނިންމައިފި

އޭޑީބީގެ އަހަރީ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް މިނިސްޓަރ ކުރެއްވި ދަތުރުގެތެރެއިން

ތިލަފުށީގެ ކުނި އެންދުމުގެ މައްސަލައަށް ދާއިމީ ހައްލެ ހޯދުމަށް އޭޑީބީގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެފައިވާކަމަށް ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ

ޗެނަލް 13 އަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައި ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާާޅުވީ، ތިލަފުށީގެ ކުނި އެންދުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ކުރަމުން ދާ އަސަރު ދެނެގަނެ އެކަމަށް ހައްލެ ހޯދުމުގެ ގޮތުން ސްޓޭޓް އޮފް ދަ އާރޓް އިންސިނެރޭޓަރެއް ގާޢިމްކުރުމަށް އޭޑީބީއިން އެކަމަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާކަމަށެވެ.

އެގޮތުން އޭޑީބީ ގެ އަހަރީ ޖަލްސާއަށް ވަޑައިގަތުމަށް ފަހު ރާއްޖެ އެނބުރި ވަޑައިގެން މިނިސްޓަރ ވިދާޅުވީ، ގްރޭޓަރ މާލެ ރީޖަންގެ ވޭސްޓްމެނޭޖްމަންޓް ގެ މަސައްކަތައް ބޭނުން 165 މިލިއަން ޑޮލަރު ވެސް ކަށަވަރުވެފައިވާކަމަށް. އަދި މި ފައިސާ އަކީ ގްރާންޓް އުސޫލުން ހިލޭ ދެވިފައިވާ އެހީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓްގެ ތަސައްވަރަކީ ތިލަފުށިން ކުނި އެންދުމުން އެ ސަރަހައްދުގެ ތިމާވެއްޓަށާއި، އަދި ފަތުރުވެރިކަމުގެ ސިނާއަތައް އެކަމުން ކުރަމުން ދާ އަސަރު ކުޑަކުރުމެވެ. މިނިސްޓަރ ވިދާޅުވީ މިއަދު ރައީސް ޔާމީނާއި މި ސަރުކާރުގެ އެންމެ ބޮޑު އެއް ތަސައްވަރަކީ އެކަށީގެންވާގޮތެއްގައި ކުނި މެނޭޖް ކުރުމުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުން ކަމަށެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި މިއަދުވެސް ގާތްގަޑަކަށް 300 ޓަނުގެ ކުނި ތިލަފުށީގައި އަނދަމުންދެއެވެ. އެގޮތުން މިކަމުން ކުރާ އަސަރު ކުޑަކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ތަސައްވަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ހާމަކުރެއްވި ގޮތުގައި، ރާއްޖޭއިން ލޯނު ނެގި ނަމަވެސް ލޯން އަނބުރާ ދެއްކޭނެ ޑެބްޓް ސްޓްރެޓަޖީ އެއް ގެންގުޅޭ ކަމަށެވެ. އެގޮތުން މި ސަރުކާރުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑެއް މިދިޔަ އަހަރު ގާއިމްކޮށްފައިވާކަން ހާމަކޮށް މިނިސްޓަރ ވިދާޅުވި، މި ނިޒާމްގެ ދަށުން ދަރަނިވުން މަދުކުރެވިގެން ދާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ މާލިއްޔަތުގެ ރިސާވްގައި ހުރި ފައިސާއިން ލޯން އަނބުރާ ދެއްކުމުގެ ބަދަލުގައި، ސޮވްރިން ފަންޑު ބޭނުން ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން ލޯން މެޗުއަރިޓީ ޑޭޓް އާއި ހިސާބް އަށް ދާއިރު، މި ފަންޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ދައުލަތުން ރިކަރަންޓް ހަރަަދަށް ބޭނުންވާ ފައިސާ ހޯދަނީ ދައުލަތުގެ ރިކަރަންޓް އަމްދަނީއިން ކަމަށާއި މި ކަމަށް އެއްވެސް ވަރަކަށް ލޯނެއް ނުނަގާނެއެވެ. މީގެއިތުރުން މައިގަނޑު ގޮތެއްގައި ލޯން ނަގާނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގުމަށް ކަމަށް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ބޭރުގެ ފައިނޭންޝަލް އިންސްޓިޓުއުޓްތަކާއި އެކި ފަރާތްތަކުން ލޯން ނަގަނީ ރާއްޖޭގެ އެސެޓް އަދި އުފެއްދުންތެރިކަން އިތުރު ކުރުމަށް ކަން ފިނޭންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އޭޑީބީއިން ރާއްޖެއާއި ގުޅޭގޮތުން އެންމެ ފަހުން ނެރުނު ރިޕޯޓްގައި 2017 ވަނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމާޢި އިމާރާތްކުރުމުގެ ދާއިރާއަށް އައި ކުރި އެރުމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެ، އިންފްލޭޝަން ވަނީ މަޑު ޖެހިފައެވެ. އެގޮތުން 2917 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ހުރީ 2.8 އިންސައްތައިގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...