ނަޝީދަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ބީރައްޓެހި ބޭފުޅެއްކަން ހާމަވެއްޖެ

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގެންފައިނުވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމެވުމާއެކު ގިނަ ބަޔަކު އަންނަނީ ނަޝީދަށް ފާޑު ކިޔަމުންނެވެ. 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ނަޝީދު ވަނީ، ޤައުމުން ބޭރުގައި ހުންނަވައިގެން "ޖަޒީރާ ރައީސް"ގެ ނަމުގައި ކެމްޕެއިން ކުރައްވަން ފައްޓަވާފައެވެ.  

ކުރީގެ ރައީސް މުޙައްމަދު ނަޝީދު، "ޖަޒީރާ ރައީސް"ގެ ނަމުގައި ކެމްޕޭނެއް ލޯންޗުކުރެއްވި ވާހަކަ އަޑުއިވުމުން އެންމެ ފުރަތަމަ ގިނަ ބަޔަކު ހީކުރީ ނަޝީދު އަނެއްކާވެސް "ދި އައިލެންޑް ޕްރެޒިޑެންޓް" ފަދަ ފިލްމެއް ކުޅުއްވަން އުޅުއްވަނީ ކަމަށެވެ.  ނަޝީދަކީ ގާޒީއަކު ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ބޭފުޅަކަށްވާއިރު، ނަޝީދަށް އިންތިޚާބުގައި ވާދަ ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަން ނުދަންނަ ކުޑަކުއްޖަކުވެސް ނެތެވެ.

އެހެންކަމުން، ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނެތްއިރު، އެމްޑީޕީގައި ޕްރައިމަރީގައި ވާދަ ކުރެއްވުމަށްޓަކައި ނަޝީދުގެ ކެމްޕެއިން ލޯންޗު ކުރެއްވުމުން އެކަން ޤަބޫލު ކުރަން ގިނަ ބަޔަކަށް ދަތިވިއެވެ. ގިނަ މީހުން ސިފަކުރީ އެއީ ބޮޑު ޖޯކެއްގެ ގޮތުގައެވެ.  ކެމްޕެއިން ލޯންޗު ކުރެއްވުމާއެކު، އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ކުރީގެ ރައީސް ނަޝީދަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކަށްވެސް އެއްވެސް ވަރަކަށް ކަމޭ ނުހިތާ ބޭފުޅެއްކަން މިވަނީ ހާމަވެފައެވެ.

ދެތިން ދުވަސް ކުރިން އިވިގެން ދިޔައީ އެމްޑީޕީގެ ޕްރައިމަރީގެ ވާހަކައެވެ. އޭގެ ފަހުން އެޕާޓީގެ ޕްރައިމަރީ ނަޝީދުގެ ޕްރައިމަރީއަށް ބަދަލުވެ، އެންމެ ފަހުން ނަޝީދުގެ ރިޔާސީ ކެމްޕެއިނަށް ބަދަލުވެގެން ދިޔައިރު، އެމްޑީޕީގެ ލީޑަރޝިޕުގެ މައްޗަށް ނަޝީދުގެ ނުފޫޒު އޮތް މިންވަރު މިވަނީ ރަނގަޅަށް ހާމަވެގެން ގޮސްފައެވެ.

ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު މުބީން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ނަޝީދަށް ޤާނޫނު އަސާސީގެ ތެރެއިން ލިބެން ނެތްއިރުވެސް އެމްޑީޕީގެ ލީޑަރޝިޕްގެ އެހެން ބޭފުޅުންނަށް އެއްވެސް ފުރުސަތެއް ދޭން ނަޝީދު ބޭނުންފުޅު ނުވާ ކަމަށެވެ.  ނަޝީދުގެ ކިބައިން ފެނިގެން ދަނީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި މުޅިން ބީރައްޓެހި އަމަލުތަކެއްކަންވެސް މުބީން ފާހަގަކުރެއްވިއެވެ. 

ސްކައިޕް މެދުވެރިކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ދިވެހި ރައްޔިތުން ގުނބޯ ހެއްދުމަށް ނަޝީދު މަސައްކަތް ފައްޓަވާފައިވަނީ ތިމަން މަނިކުފާނަކީ " ޖަޒީރާ ރައީސް" ކަމަށް ވިދާޅުވަމުންނެވެ.

އެހެން ވިދާޅުވަމުން ގެންދަވާއިރު، ނަޝީދުގެ ވެރިކަމުގައި އެޖަޒީރާ ރަށްތަކަށް ކޮށްދެވުނު ކަމެއް ނެތްކަން މިއަދު އެރައްޔިތުން ޤަބޫލް ކުރެއެވެ.  ޖަޒީރާ ރަށްތަކަށް ޚިދުމަތް ކުރައްވާނެ ފުރުސަތު ލިބިވަޑައިގަތުމުން، އިސްތިއުފާ ދެއްވުމަށްފަހު، ނަޝީދު ވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާއި ޚިލާފުވެފައެވެ.  ވެރިކަމުގެ 3 އަހަރު ފާއިތުވެގެން ދިޔައިރުވެސް، ގިނަ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ހުރީ ފޯރުކޮށް ނުދެވިއެވެ.

އެވަރުންވެސް ނަޝީދު ނޫން އެހެން މީހަކު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާކަށް ނަޝީދު ބޭނުންފުޅެއް ނުވެއެވެ.  އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނަޝީދަށް ނޫނެކޭ ބުނިކަންވެސް ނަޝީދު ހަނދުމަފުޅު ނެތް ކަހަލައެވެ. އެމްޑީޕީގައި ނަޝީދު ނޫނީ ރަނގަޅު ލީޑަރެއް ނެތް ކަމަށް ނަޝީދަށް ހީފުޅުވިޔަސް، އެމްޑީޕީގެ އާއްމު މެމްބަރުން އެޕާޓީގެ ކުރިމަގާއި މެދުގައި ވިސްނާނެކަން ނަޝީދަށް އެނގިވަޑައިނުގަންނަވަނީ ކަމަށްވެސް ވެދާނެއެވެ.

ތާ އަބަދު ޤައިދީއެއްގެ ނުފޫޒުގައި އެމްޑީޕީ އޮންނަން އެޕާޓީގެ މެމްބަރުން ބޭނުންވެދާނެ ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. "ޖަޒީރާ ރައީސް" ކެމްޕެއިން އިއުލާން ކުރައްވައިގެން ނަޝީދު ވެރިކަމުގެ ފޮނި ހުވަފެންތައް ދެކެމުން އަންނައިރު، އިދިކޮޅު ކޯލިޝަނުގައި ނަޝީދުގެ ފިކުރަށް ތާއީދު ނުކުރާ އެތައް ބަޔަކު ތިބިކަން މިއީ އެންމެން ދަންނަ ހަޤީޤަތެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...