ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 29.7 ބިލިއަން ރުފިޔާއަށް އަރާ- އެސެޓްސް ރިކަވަރީ ކޮމިޝަން

އެސެޓްސް ރިކަވަރީ ކޮމިޝަންގެ ޗެއާ، އަދި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ: ދައުލަތަށް 29.7 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި. ފޮޓޯ/ޗެނަލް13

ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު ނަވާވީސް ޕޮއިންޓް ހަތެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އުފައްދަވާފައިވާ އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސެޓްސް ރިކަވަރީ ކޮމިޝަންގެ ޗެއާ އަދި ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވީ، އެކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާއި، ބަލާފައިވާ މައްސަލަތަކަށް ބަލާއިރު، ދައުލަތަށް ލިބެންޖެހޭ ނަވާވީސް ޕޮއިންޓް ހަތެއް ބިލިއަން ރުފިޔާ ނުލިބި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބަލާނިމިފައިވާ މައްސަލަތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު ތިނެއް ޕޮއިންޓް އަށެއް ބިލިއަން ރުފިޔާއަށް އަރާއިރު، މިހާރު ބަލަމުން އަންނަ މައްސަލަތަކަކީ، ފަންސަވީސް ބިލިއަން ރުފިޔާގެ ފައިސާގެ މައްސަލަތައް ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. 

ހޯމް މިނިސްޓަރ ވިދާޅުވީ އެސެޓްސް ރިކަވަރީ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އެއް އަހަރުގެ މުއްދަތަކަށް އުފެއްދެވި ކޮމިޝަނެއް ކަމަށެވެ.  އެގޮތުން ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައިމަހުގެ ވިހި ވަނަ ދުވަހު ކޮމިޝަން އުފެއްދެވިއިރު، ކޮމިޝަންގެ މުއްދަތު ނޮވެމްބަރު މަހުގެ ނިޔަލަށް އިތުރު ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އެސެޓްސް ރިކަވަރީ ކޮމިޝަނުން ގިނަ މައްސަލަތަކެއް ބަލާފައިވާއިރު، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި ގުޅޭގޮތުން ހޯދަން ޖެހޭ އިތުރު މައުލޫމާތު ހޯދައި، އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަތައް ނިންމާފައިވާ ކަމަށެވެ. އަދި އޭޖީ އޮފީހަށް ފޮނުވަންޖެހޭ މައްސަލަތައް އެ އޮފީހަށް ފޮނުވާފައިވާއިރު، ބައެއް މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދައުލަތަށް ގެއްލިފައިވާ ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، އެފައިސާތައް ލިބުން ބިނާވެގެން ވަނީ ޝަރުއީ މަރުހަލާގެ ެތެރެއިން ކޯޓުތަކުން ކުރާ ޙުކުމްތަކުގެ މައްޗަށް ކަމަށެވެ. 

އެސެޓްސް ރިކަވަރީ ކޮމިޝަންގެ ޗެއާ އިތުރަށް ވިދާޅުވީ، އެކޮމިޝަންގެ މަޤްސަދަކީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ފަރުދެއްގެ މައްސަލަތައް ބެލުން ނޫން ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުގެ މައްސަލަތައް އޭޖީ އޮފީހަށާއި، ޕީޖީ އޮފީހަށް ހުށަހަޅާފައިވާއިރު، ޝަރުއީ މަރުހަލާގައި މިހާރު ކުރިއަށްދާ މައްސަލަތައްވެސް ހުރިކަން ހޯމް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. ހޯމް މިނިސްޓަރ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ އަމާޒަކީ، ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުން ކަމަށާއި، އެފައިސާތައް ހޯދިއްޖެ ނަމަ، ރައްޔިތުންނަށް އެތައް ގޮތަކުން މަންފާ ކުރާނެ ކަމަށެވެ. 

ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ، ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރުން، މިހާ ގިނަ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ.  އެސެޓްސް ރިކަވަރީ ކޮމިޝަންގެ އަމާޒަކީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބައެއް މައްސަލަތައް ބެލުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން، އެކޮމިޝަނަށް އެހީތެރިވެދިނުމެވެ. އެ ކޮމިޝަނުން މިހާރު ބަލަމުން ދަނީ 5 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާގެ މައްސަލަތަކެވެ. އެހެންނަމަވެސް ބަލަމުން އަންނަ މައްސަލަތަކަކީ ވަކި ތާރީހެއްގައި ހިނގާފައިވާ މައްސަލަތަކެއް ނޫނެވެ. އެގޮތުން، ވަރަށް ކުރީގެ މައްސަލަތައްވެސް ބަލަމުން އަންނައިރު އޭގެ ތެރޭގައި، އެއާ މޯލްޑިވްސްގެ މައްސަލައާއި އެފްޕީއައިޑީގެ މައްސަލަވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...