އެމެރިކާ އަދި އިޒްރޭލްގައި ތިބި ތުރުކީގެ ސަފީރުން އަނބުރާ ގެނައުމަށް ނިންމައިފި

އެމެރިކާ އަދި އިޒްރޭލްގައި ތިބި ތުރުކީގެ ސަފީރުން އަނބުރާ ގެނައުމަށް ތުރުކީއިން ނިންމައިފިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން މިގޮތަށް ނިންމާފައިވަނީ އެމެރިކާގެ އެމްބަސީ ޤުދުސްގައި ހުޅުވުމާއި ގުޅިގެންނެވެ. ތުރުކީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ވިދާޅުވީ އެމެރިކާގެ ވެރިރަށް ވޮޝިންޓަން އަދި ތެލްއަވީވްގައި ތިބި އެމްބަސަޑަރުން އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.  އަދި ޔޫއެސް އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ތުރުކީން ވަނީ ޤައުމީ ހިތާމައިގެ 3 ދުވަސް އިއުލާންކޮށްފައެވެ. 

މީގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ކުއްލި ސަމިޓެއް ބާއްވާ، ފަލަސްތީނަށް މިހާރު ކުރިމަތިވެފައިވާ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްވެސް ތުރުކީއިން ވަނީ ގޮވާލާފައެވެ. 

އެމެރިކާގެ އެމްބަސީ ޤުދުސްގައި ހުޅުވާފައިވަނީ އެކަމާއި ދެކޮޅަށް ފަލަސްތީނުގެ އެތައްހާސް ބަޔަކު މުޒާހަރާ ކުރަމުން ދަނިކޮށެވެ.  މުޒާހަރާތަކުގައި ބައިވެރިވި މީހުންނަށް އަމާޒުކޮށް އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކާއި ގުޅިގެން ފަންސާސް އަށް މީހުން ޝަހީދުވެފައިވާއިރު، ދެހާސް ހަތްސަތޭކައަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. 

ދުނިޔޭގެ ގިނަ ޤައުމުތަކެއް އެމެރިކާއަށް ފާޑު ކިޔަމުން އަންނައިރު، ދެކުނު އެފްރިކާއިންވެސް ވަނީ އިޒްރޭލްގައި ތިބި އެޤައުމުގެ އެމްބެސަޑަރުން އަނބުރާ ގެނައުމަށް ނިންމާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...