އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމާއެކު އެމެރިކާއަށް ފާޑު ކިޔުންތައް އަމާޒުވެއްޖެ


ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ހިތްހަމަނުޖެހުން ފާޅު ކުރަމުން ދަނިކޮށް، އެމެރިކާއިން ވަނީ އިޒްރޭލްގެ ތެލްއަވީވްގައި ހުންނަ އެޤައުމުގެ އެމްބަސީ ޤުދުސްއަށް ބަދަލު ކޮށްފައެވެ.

އެމްބަސީ ޤުދުސްއަށް ބަދަލު ކުރާނެކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރައްވާފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

އެމެރިކާގެ ސަރުކާރުގެ ޚާއްސަ ވަފުދެއް ޤުދުސްގައި ބޭއްވި އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވާއިރު، އެމްބަސީ ހުޅުވާފައިވަނީ ފަލަސްތީނުގެ ބިމުގައި އިޒްރޭލް އުފެއްދިތާ 70 އަހަރު ފުރޭ ދުވަހުގައެވެ. މެއި މަހުގެ 14 ވަނަ ދުވަހަކީ އިޒްރޭލްގެ މިނިވަން ދުވަހުގެ ގޮތުގައިވެސް ފާހަގަ ކުރަމުން އަންނަ ދުވަހެވެ. ޔޫއެސް އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމާއެކު އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނެއް ނޫނެވެ.

ދުނިޔޭގެ އެތައް ޤައުމަކުންވެސް އަންނަނީ އެމެރިކާގެ އަމަލަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މީގެ ކުރިންވެސް އެމެރިކާގައި ވެރިކަން ކުރެއްވި ބޭފުޅުން އެފަދަ ނިންމެވުމެއް ނިންމަވާފައި ނުވެއެވެ. ކުރީގެ ވެރިންވެސް ޤަބޫލު ކުރެއްވި ގޮތުގައި ޤުދުސްއާއި މެދު ގޮތެއް ނިންމަން ވާނީ ފަލަސްތީނާއި އިޒްރޭލާއި މެދުގައި މަޝްވަރާތަކެއް ކުރެވިގެން ކަމަށެވެ.

އިޒްރޭލްގެ ފޮރިން މިނިސްޓްރީން ބުނީ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތަށް 86 ޤައުމެއްގެ ޑިޕްލޮމެޓުންނަށް ދައުވަތު ދީފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ އެންމެ 33 ޤައުމެއްގެ ޑިޕްލޮމެޓުންކަން ފާހަގަކޮށްލެވެއެވެ. ޤުދުސްއަށް އެމްބަސީ ބަދަލު ކުރުމާއެކު އަރަބި ލީގު، އދ އަދި އީޔޫއިންވެސް ވަނީ އެކަމާއިމެދުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން އިޒްރޭލުން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލު އާޢްމުގައި ފަލަސްތީނުގެ އެތައް ބަޔަކު މަރުވެފައިވާތީވެސް އދއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އީޔޫއިންވެސް ވަނީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ސުލްހަވެރި އެއްވުންތަކަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ބުނެފައެވެ.

އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމަކީ އެމެރިކާއިން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ކުރި ކަމެއް ކަމަށް ގިނަ ޤައުމުތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން، އީރާން، ޕާކިސްތާނު، ތުރުކީ، ލުބުނާން، އަދި ޖަރުމަން ފަދަ ޤައުމުތަކުން އެމެރިކާއާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...