އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލު ކޮށްފި

އިޒްރޭލްގެ ތެލްއަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކޮށްފިއެވެ.

އިޒްރޭލްގައި ތެލްއަވީވްގައި ހުރި  އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލު ކޮށްފައިވާއިރު، އެކަން ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފައެވެ.  ޤުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ އަދި ޓްރަމްޕްގެ ސީނިއަރ އެޑްވައިޒަރު ޖެރާޑް ކުޝްނަރ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕްގެ ވީޑިޔޯ މެސެޖެއްވެސް މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ގެނެސްދީފައެވެ.

ޤުދުސްގައި އެމްބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ވަނީ ވީޑިޔޯ މެސެޖެއް ދެއްވާފައި.

ޓްރަމްގެ ވީޑިޔޯ މެސެޖުގައި ވިދާޅުވެފައިވަނީ، އެމެރިކާ އަކީ އަބަދުވެސް އިޒްރޭލްގެ ގާތް އެކުވެރިއެއްގެ ގޮތުގައި ދެމި ހުންނާނެ ކަމަށެވެ. މިރަސްމިއްޔާތުގައި ބައިވެރިވި އިޒްރޭލްގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމްބަސީ ޤުދުސްއަށް ބަދަލު ކުރެއްވުމަށް ނިންމުމުން ޓްރަމްޕަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމާއި ދެކޮޅަށް ފަލަސްތީނުގެ ގާޒާގައި އެތައްހާސް ބަޔަކު އަޑު އުފުލަމުން އަންނައިރު އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑި ޖަހައި، އެތައް ބަޔަކު ޝަހީދު ކޮށްލާފައެވެ. 

އެގޮތުން އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި 49 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ދެހާހަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.  މިއީ 2014 ވަނަ އަހަރުގައި އިޒްރޭލްގެ އަސްކަރިއްޔާއިން ގާޒާގައި ހިންގި ޤަތުލުއާއްމަށްފަހު، އިޒްރޭލުން ފަލަސްތީނުގައި ހިންގާ އެންމެ ބޮޑު ޤަތުލު އާއްމެވެ.  މި ޤަތުލު އާއްމާއި ގުޅިގެން ފަލަސްތީނުން ވަނީ ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައެވެ.  

ޤުދުސްއަށް އެމްބަސީ ބަދަލު ކުރާތީ ފަލަސްތީނުގެ އެތައްހާސް ރައްޔިތުން ދަނީ އަޑު އުފުލަމުން.

އަދި އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ ޖަމުއިއްޔާތަކުން އަންނަނީ އިޒްރޭލްގެ އަނިޔާވެރި ޖަރީމާތައް ކުށްވެރި ކުރަމުންނެވެ. ފަލަސްތީނުގެ ބިމުގައި އިޒްރޭލް އުފެއްދި ދުވަސް، އަދި އިޒްރޭލްގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ މެއި މަހުގެ 14 ވަނަ ދުވަހާއި ދިމާކޮށް، އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅު ކުރަމުން އަންނައިރު، ޤުދުސް އަކީ ފަލަސްތީނުގެ އިތުރުން މުސްލިމުންގެ މުޤައްދަސް ބިމެއްކަން ފާހަގަކޮށްލެވެއެވެ.  އެގޮތުން މުސްލިމުންގެ 3 ވަނައަށް އެންމެ މުޤައްދަސް ބިނާ ކަމަށްވާ އަލްމަސްޖިދުލް އަޤްސާ ހުންނަނީ ޤުދުސްގައެވެ.  

ޤުދުސްއަށް އެމްބަސީ ބަދަލު ކުރާތީ ފަލަސްތީނުގެ އެތައްހާސް ރައްޔިތުން ދަނީ އަޑު އުފުލަމުން.

އިޒްރޭލުން އިރުމަތީ ޤުދުސް ހިފާފައިވަނީ ނަވާރަސަތޭކަ ފަސްދޮޅަސް ހަތްވަނަ އަހަރުގައެވެ. އިރުމަތީ ޤުދުސް އިޒްރޭލްގެ ބާރުގެ ދަށަށް ގެންދިޔަ ނަމަވެސް، ބައިނަލްއަގްވާމީ މުޖްތަމައުއިން ޤުދުސްއަކީ އިޒްރޭލްގެ ތަނެއްގެ ގޮތުގައި ބަލައިގަނެފައެއް ނުވެއެވެ.

އިޒްރޭލުން އިރުމަތީ ގުދުސް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވަނީ، އެދުވަސްވަރު މިސްރާއި ސީރިޔާއާއި އުރުދުންއާއި އެކު ކުރި އަރަބި ހަނގުރާމައަށް ފަހުގައެވެ. މީގެ ކުރިންވެސް އެމެރިކާއިން ވަނީ ޤުދުސްއަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ތާއީދުކޮށްފައެވެ.

އެގޮތުން 1995 ވަނަ އަހަރުގައި ޔޫއެސް ކޮންގްރެސްއިން ވަނީ، އިޒްރޭލްގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމަށް ޤާނޫނެއް ފާސްކޮށްފައެވެ. އެހެންނަމަވެސް އެމެރިކާގެ އެއްވެސް ރައީސަކު އެޤާނޫނު ތަންފީޒު ކުރައްވާފައެއް ނުވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...