"ލޭންޑް ޑޭ" މުޒާހަރާގައި ޝަހީދުވި މީހުންގެ އަދަދު 49އަށް އަރައިފި

ގްރޭޓް މާޗް އޮފް ރިޓާންގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުން ގާޒާގެ ބޯޑަރު ސަރަހައްދުގައި ކުރަމުން އަންނަ މުޒާހަރާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ސާޅީސް ނުވަޔަކަށް އަރައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ހައްޤުތައް ހޯދުމަށްޓަކައި މުޒާހަރާ ކުރަމުން އަންނަތާ 7 ހަފްތާ ވެފައިވާއިރު، މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާގައި ޒުވާން ފިރިހެން ކުއްޖަކު ވަނީ މަރުވެފައެވެ. 

އެކުއްޖާ މަރުވެފައިވަނީ އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ދިން ބަޑީއެއްގެ ހަމަލާއެއްގައި ލިބުނު ޒަހަމްތަކާއި ގުޅިގެންނެވެ. އެޒުވާނާގެ އިތުރުން އެތައް ސަތޭކަ ބަޔަކު ވަނީ ފާއިތުވި ދުވަސްތަކުގައި ކުރި މުޒާހަރާތަކުގައި ޒަހަމްވެފައެވެ.

އެގޮތުން މާޗް މަހުގެ 30 ވަނަ ދުވަހު ފެށި މުޒާހަރާތަކާއި ގުޅިގެން މިހާތަނަށް އަށްހާސް ފައްސަތޭކަ މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ހާމަކުރެއެވެ.  މުޒާހަރާތަކާއި ގުޅިގެން ޒަހަމްވި މީހުންނަށް އެހީތެރި ވުމުގެ ގޮތުން މިސްރުން ވަނީ އެޤައުމާއި ގާޒާއާއި ގުޅޭ ރަފާހް ބޯޑަރު ހުޅުވާފައެވެ.

މިސްރުން ބުނީ އެބޯޑަރު ހުރަސްކޮށް ސިއްހީ ފަރުވާ ލިބިގަތުމުގެ ފުރުސަތު ޒަހަމްވެފައިވާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުން "ލޭންޑް ޑޭ"ގެ ނަމުގައި މުޒާހަރާ ކުރަމުން އަންނައިރު، އެންމެ ފުރަތަމަ ފަލަސްތީނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އިޒްރޭލްގެ ސަލާމަތީ ބާރުތަކާއި ކުރިމަތިލާފައިވަނީ 1987 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

އެންމެ ފުރަތަމަ ފަލަސްތީނުގެ ރައްޔިތުން އިޒްރޭލުގެ ސިފައިންނާއި ކުރިމަތިލީ އޮއްގަލުންނެވެ. އެހެންނަމަވެސް ފަހުން ފަލަސްތީނުގެ ސިފައިން ވަނީ އިޒްރޭލުގެ އަސްކަރީ ޕޯސްޓްތަކަށް އަމާޒުކޮށް ހަމަލާ ދޭން ފަށާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...