ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރަހައްދު ޤައުމުތަކުގެ ދައުރު މުހިއްމު- ނާޒިމް

ޓީބީ އަދި އެޗްއައިވީ ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނާޒިމް ވާހަކަ ދައްކަވަނީ: ފޮޓޯ ޗެނަލް13

ޓީބީ އާއި އެޗްއައިވީ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ސަރަހައްދީ ޤައުމުތަކުގެ ދައުރު މުހިއްމު ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. 

ސާރކް ސަރަޙައްދު ޤައުމުތަކުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓީބީ އަދި އެޗްއައިވީ ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙީ ނިޒާމެއް ފޯރުކޮށްދެއްވުމަށް މިއަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށް ކާމިޔާބީތައް ހާސިލް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖެއިން 2022 ގެ ކުރިން ޓީ.ބީ ނައްތާލުމަށް ޤައުމީ ސްޓްރެޓެޖިކް ޕްލޭނެއް އިފްތިތާޙް ކޮށް އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެއިން އެޗްއައިވީ ނައްތާލުމަށް، އެކަމަށް ހާއްސަ ލަނޑުދަނޑިތަކަކާއެކު، އެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ސާރކް ޤައުމުތަކުގެ މެދުގައި ކުރިއަށްދާ މި ޕްރޮގްރާމުންވެސް ތަފާތު ލަނޑުދަނޑިތަކެއް ހާސިލް ވާނެ ކަމުގެ އުންމީދު ކުރާކަމަށާ، މިކަމުގައި ސަރަހައްދުގެ ހުރިހާ ޤައުމުތަކުގެ އެއްބާރުލުންވެސް ވަރަށް މުހިއްމު ކަމަށެވެ. މި ސަރަޙައްދުގެ ޤައުމުތަކަށް ބަލާއިރު ރާއްޖެއަކީ އެޗްއައިވީ އާއި ޓީބީ ޖެހިފައިވާ މީހުން ނިސްބަތް މަދު ޤައުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ސާރކް ސަރަހައްދުގެ ޤައުމުތަކުން ޓީބީ އާއި އެޗްއައިވީ ކޮންޓްރޯލް ކުރުމަށް ޤައުމުތަކުން އަދާކުރަމުންދާ ރޯލް އަބަދުވެސް ފާހަގަކުރާކަމަށެވެ. އަދި ޓީބީ ނައްތާލުމަށް ސިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖެއިން ޓީބީ ބައްޔަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ އުފާކުރާކުރާ ކަމެއް ކަމަށާއި، މިފަދަ ބަލިތައް ނައްތާލުމަށް ރަނގަޅު ފެންވަރުގެ މެޝިނަރީސްތަކާ ޓެކޮނޮޖީގެ އެހީ މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސާރކް ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ކޮންމެ އަހަރަކު ބާއްވަމުންދާ މި ޕްރޮގްރާމް އެންމެ ފަހުން ބާއްވާފައިވަނީ ފާއިތުވި އަހަރު ބޫޓާންގައެވެ. މި މަހުގެ 13 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ޕެރަޑައިޒް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ މި ޕްރޮގްރާމްގައި ސާރކް ސަރަޙައްދު ޤައުމުތަކުގެ މެދުގައި ޓީބީ އާއި އެޗްއައިވީ ކޮންޓްރޯލް ކުރާނެ ގޮތްތަކާ، ކްރޮސް ބޯޑަރ އިޝޫތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ސާރކް ޤައުމުތަކުން ރާއްޖެ ވަޑައިގެން ވަފްދުގެ ބޭފުޅުންނާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އިސް ފަރާތްތަކުގެ އިތުރުން އައިޖީއެމްއެޗްގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...