ރަމަޟާން މަހަށް ތައްޔާރުތަ؟

ރަމަޟާން މަސް ރަމްޒު ކޮށްދޭ ފޮޓޯއެއް: އޮންލައިން

ކުށްތަކާ ފާފަތަކުން ކިނލަބުވެ، ހަޑިވެފައިވާ މުސްލިމް އަޅާގެ ނަފްސު ތޯހިރު ކުރުމަށް ލިބޭ އެންމެ އަގުހުރި އެއް ފުރުސަތަކީ ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހެވެ. އެމަހުގައި އީމާންތެރިކަން ތާޒާވެ، ނިދާފައިވާ އިންސާނާގެ ޒަމީރު ރޫޙާނީ އިހްސާސްތަކުން ހޭލައްވާލައެވެ. އަޅާޔާ އޭނާ ހެއްދެވި ފަރާތާ ދެމެދު އޮންނަންޖެހޭ ހަޤީޤީ ގުޅުން ތަންފީޒް ކުރުމަށް ހަށިގަނޑުގެ ގުނަވަންތަކަށް ލިބިގެންދާ އެންމެ ބާއްޖަވެރި އެއް މައްސަރަކީވެސް ރަމަޟާންމަހެވެ. ވީއިރު، އަޅުގަނޑުމެންގެ ނަފްސުތަކާ، މުޖުތަމަޢުތައް ރަމަޟާންމަހުގެ ބަރަކާތްތެރި ދުވަސްތަކާ ކުރިމަތިލަނީ ކިހިނަކުންތޯ ބަލާލަންޖެހެއެވެ.


ރަމަޟާންމަހުގެ ވައިރޯޅިތަކުގެ ފިނިކަން ޝައުބާން މަހާއެކު ޖެހެން ފަށާއިރު، އެމަހަށް މަރުޙަބާ ކިޔުމަށް ހުރިހާ މުސްލިމުން ތައްޔާރުވާން ފަށައެވެ. އެމަހުގެ ހަޤީޤީ މަޤުސަދު އޮޅޭވަރަށް މާއްދީ ޒީނަތްތެރިކަމާ، އެދުންތަކުގެ އަޑުތައް މުޖުތަމަޢުގައި ގަދަވެގެން ދެއެވެ. އެގޮތުންޕްރޮމޯޝަންތަކާ ސޭލްތަކުގެ އަގުތައް ބާޒާރުތަކުގައި ގުގުމާލައެވެ. ތަފާތު މުބާރާތްތަކުގެ އިޢުލާންތަކުން ނޫސްތަކުގައި ފަލަ ސުރުޙީތައް އެޅިގެންދާއިރު، ކާބޯތަކެތީގެ ބާވަތްތަކުން ބާޒާރުތައް ހަލަބޮލިވެގެން ދެއެވެ. ރަމަޟާންމަހުގެ ވާހަކަތައްދެކެވޭ ދީނީ ދަރުސްތަކުން މޫނު އަނބުރާލެވި، އެމައްސަރުގެ ފިޤްހު އުނގެނުމުގެ ބަދަލުގައި މުނިފޫހި ފިލުވުމުގައި ވަގުތު ހޭދަ ކުރުމަށް ތައްޔާރުވެއެވެ.


ހިތާމަޔަކީ އިސްލާމީ މުޖުތަމަޢު އަކުން އެފަދަ ބަރަކާތްތެރި މަހަކާ ކުރިމަތިލާންޖެހޭއިރު، އިސްލާމީ އަޙްލާޤް މުޖުތަމަޢުގެ އަފުރާދުންގެ ކިބައިން ފެނިގެން ނުދާ ކަމެވެ. ތަޤުވާވެރިޔާ ރޯދަމަހުގެ ސަވާބާއި ދަރުމަ ހޯދުމަށް ހުޝިޔާރުވާ ފަދައިން، ޝައިތޯނާ އޭނާގެ ބައިވެރިން ހަލާކުކޮށް، މަގުފުރެއްދުމަށް މޮޅެތި ގޮތްތަކާ އުކުޅުތައް ބޭނުން ކުރެއެވެ. އެގޮތުން ރޯދަމަހަކީ ކުޅިވަރާ މަޖަލުގެ ތެރޭގައި ހޭދަކުރާ މައްސަރެއްގެ ގޮތުގައި ޝައިތޯނާގެ ބައިވެރިން ސިފަކޮށްދެއެވެ. ރޭގަނޑުގެ ވަގުތައްވެސް ތަފާތު ކުޅިވަރު ތަކުގަޔާ، ސައިކަލު ބުރުތައް ޖެހުމުގައި ހޭދަކޮށްލާ މީހުންވެސް އުޅެއެވެ.


ހަމައެހެންމެ ކަނބަލުންނަށްވެސް ވިސްނިފައި އޮންނަނީ ރޯދަމަހަކީ ތަފާތު ކާއެއްޗެހި ތަކާއެކުގައި ސުފުރާމަތި ފުރާލަން ޖެހޭ މައްސަރެއްގެ ގޮތުގައެވެ. އެގޮތުން ދުވާލުގެ ގިނަ ވަގުތުތައް ތަފާތު ކާއެއްޗެހި ތައްޔާރު ކުރުމުގައި ގިނަ ވަގުތު ހޭދަކުރާއިރު، ރޭގަނޑުގެ ވަގުތުތައް ގިނަ ކަނބަލުން ހޭދަކުރަނީ ޓީ.ވީ ބެލުމުގަޔާ، ރަށްޓެހިންނާއެކު މަޖާކުރުމުގައެވެ. އަދި ކޮބައިތޯއެވެ. ހަދާ ކާބޯތަކެތީގެ ތެރެއިން އެތައް ބާވަތެއް އިސްރާފު ކުރެވޭއިރު، މިއަދު އިސްލާމީ އެތައް ޤައުމެއްގައި އަޅުގަންޑުމެންގެ އަހުންނާ އުޚުތުންނަށް ކާނޭ އަދި ބޯނޭ އެއްޗެއްނެތް ޙާލުގައި ތިބިކަން ހަނދާންކުރަނީ ކިތައްމީހުންތޯއެވެ.


ސުވާލަކީ ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުވެ ވަކިވެގެން ދާއިރު، ފާފަތައް ފޮހެވިގެން ދާފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓިފައި ހުންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯ؟ މިފެށޭ ރަމަޟާންމަހުގެ މަޤުސަދާ ބޭނުމާމެދު ތިބާ ހޭލާކަށް ނުވޭތޯ؟ މަޑުމަޑުން ޝައިތޯނާގެ ވަކިތަކުގައި ތިބާ ހައްޔަރުވަމުން ދާކަން ތިބާއަށް އިޙްސާސް ނުކުރެވޭތޯ؟ މި ސުވާލުތައް ތިބާގެ އަމިއްލަ ޒަމީރާމެދު ކޮށްލުމަށްފަހު، އާ އުއްމީދުތަކަކާއެކު މިއަހަރުގެ ރަމަޟާން މަހަށް އެންމެހާ ލޮބުވެތި މުސްލިމުން ތައްޔާރުވުން ކީއްތޯއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...