ފިތުރު އީދުގެ ފަހުން ރިޔާސީ މެނިފެސްޓޯ ހަދިޔާ ކުރާނަން: ރައީސް

ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ މެނިފެސްޓޯ ފިތުރު އީދުގެ ފަހުން ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވީ ތަރުތީބާ ނިޒާމް ތަކަކާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ބަސް ކިޔާނީ ރައްޔިތުން ކަމަށެވެ. އަދި ޤައުމަށް ހެޔޮއެދިގެން މަސައްކަތް ކުރާނަމަ، އިޚްލާސްތެރިކަމާއެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށާ، ކުރިން މި ސަރުކާރާއެކުގައި އިޚްލާސްތެރިކަމާއެކުގައި މަސައްކަތް ކުރެއްވި ބޭފުޅުން ޕާޓީން ވަކިވެގެން ދިޔައީ ސަރުކާރުންކުރާ މަސައްކަތް ކަމު ނުގޮސްގެން ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޤައުމުގެ ކުރިމަގަށާ، ތަރައްޤީ އަށް ހެޔޮއެދި އުސޫލުތަކާ ނިޒާމުތަކެއްގެ މަތީގައި ތިބެން ބޭނުން ކަމަށް ވާނަމަ، އިޚްލާސްތެރިކަމާއެކުގައި އެމަނިކުފާނާ އެކުގައި ކުރިއަށް ދިއުމަށް ގޮވާލައްވާފައެވެ. އަދި ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު އިތުރު އިންތިޚާބަކަށް ދިއުމަށް އޮތް، އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯ، ފިތުރު އީދުގެ ފަހުން ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ދައުލަތެއް އުފެދިގެން އަންނަނީ ރައްޔިތުންނާ، ދައުލަތާ ދޭތެރޭގައި ގުޅުންތަކެއް އޮވެގެން ކަމަށާ، ޤައުމެއްގެ ރައީސް އެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ރައްޔިތުންނަށްވާ އަމާނާތެއްގެ ގޮތުގައި އޮންނަނީ ސޯޝަލް ކޮންޓްރެކްޓެގެ ފުރަތަމަ ބިންގާ ކަމަށްވާ، ރައްޔިތުންނަށް ސުލްހަ ވެރިކަމާއެކީ ބޭނުންވާ ކަންތައްތައް ކުރުމުގައި އަމާންކަން ޤާއިމް ކޮށްދިނުން ކަމަށެވެ. އެހެންކަމުން ކޮންމެ ރައީސަކު ވެސް ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެބިންގާ އަޅަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އަސާސީ ބިންގާ ނެތިއްޖެނަމަ، އެކަން އަލުން އިއާދަ ކުރަންވާނީވެސް އެއިރެއްގަ ހުންނަ ވެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރައްޔިތުން ޖަވާބުދާރީ ކުރުވޭނެ ހާލަތަކަށް ރައީސް ގެނުވެން ޖެހޭނެ ކަމަށާ، ރައްޔިތުން ބޭނުންވާ ކަންކަން ނުކުރާ ކަމަށް ވާނަމަ، އެއްވެސް ރައީސް އަކަށް ދެވަނަ ދައުރެއް ހައްޤު ނުވާ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...