މާބަނޑު ދުވަސްވަރު ކެއުން އެންމެ ރަނގަޅު މޭވާތައް

މާބަނޑު ދުވަސްވަރު ހަށިގަނޑަށް ފައިސާ ހުރި ކާނާ ކެއުމަކީ، ތުއްތު ދަރިފުޅަށާއި މައިމީހާގެ ދުޅަހެޔޮ ސިއްހަތަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ.

އެއާ ޚިލާފަށް، މާބަނޑު ދުވަސްވަރު ހަށިގަނޑަށް ގެއްލުން ލިބޭ "ޖަންކް ފުޑް" ކެއުމަކީ ތުއްތު ދަރިފުޅަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ލަފާ ދެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި މައިމީހާ އަކީ މިދެންނެވި ފަދަ ޖަންކް ފުޑް ކާ މީހެއް ނަމަ، އެ ނޭދެވޭ ސިފަ ތުއްތު ދަރިފުޅަށްވެސް ވާރުތަ ކުރެއެވެ.

ފައިދާ ހުރި ކާނާއަށް ބަލާއިރު ޤުދުރަތީ ތާސީރު އެކުލެވިގެންވާ މޭވާއާއި ތަރުކާރީ މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ. މާބަނޑު ދުވަސްވަރު ގިނައިން މޭވާއާއި ތަރުކާރީ ކާނަމަ، ހަށިގަނޑަށް ބޭނުންވާ ހުރިހާ ނިއުޓްރިއެންޓެއްވެސް ލިއްބައިދޭނެއެވެ.

ބައެއް މީހުންނަކީ، މާބަނޑުވުމުން ފޮނި އެއްޗެހި ގިނައިން ކާހިތްވާ މީހުންނެވެ. އެއީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ފޮނި އެއްޗެއް ކާ ހިތްވުމުން ކޭކް ކޮޅެއް ނުވަތަ ކޭންޑީއެއް ކެއުމުގެ ބަދަލުގައި ފޮނި މޭވާއެއް އިޙްތިޔާރު ކުރުމަކީ ރަނގަޅު ކަމެކެވެ. މި ލިޔުމުގައި މިހިމަނާލަނީ މާބަނޑު ދުވަސްވަރު ކެއުން އެންމެ ރަނގަޅު މޭވާއެވެ.


 

އޮރެންޖް: އޮރެންޖް ކެއުމުން ހަށިގަނޑުން ފެން މަދުވުމުން ސަލާމަތް ކޮށްދެއެވެ. އޮރެންޖްގައި ފޮލޭޓް އެކުލެވިގެންވެއެވެ. ފޮލޭޓް އަކީ ވިޓަމިން ބީގެ ވައްތަރެކެވެ. ސިއްހީ މާހިރުން ބުނާގޮތުގައި، އޮރެންޖަކީ، ސިކުނޑި އަދި މައިބަދައިގެ އައިބުތަކުން ތުއްތު ކުއްޖާ ސަލާމަތް ކޮށްދޭނެ މޭވާއެކެވެ. އޮރެންޖުގައި ވިޓަމިން ސީވެސް އެކުލެވިގެންވެއެވެ. މިއީ ސެލް ހަލާކުވުމުން ސަލާމަތްކޮށްދޭ ވިޓަމިންއެކެވެ. އަދި ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަޔަން ފޯރުކޮށްދިނުމަށްވެސް ވިޓަމިން ސީ އެހީތެރިވެދެއެވެ.

އަނބު: އަނބަކީވެސް ވިޓަމިން ސީ އެކުލެވިގެންވާ މޭވާއެކެވެ. އަނބުގައި ގިނަ އަދަދަކަށް ވިޓަމިން އޭވެސް އެކުލެވިގެންވެއެވެ. އުފަންވާއިރު ވިޓަމިން އޭ މަދުވެއްޖެނަމަ، ތުއްތު ދަރިފުޅަށް ސިއްހީ މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ.އެވޮކާޑޯ: މިއީ ވަރަށް ފައިދާ ހުރި މޭވާއެކެވެ. އެހެން މޭވާތަކަށްވުރެ ގިނައިން އެވޮކާޑޯގައި ފޮލޭޓް އެކުލެވިގެންވެއެވެ. އެވޮކާޑޯގައި ހިމެނޭ އެހެން ނިއުޓްރިއެންޓް ތަކަށް ބަލާލާއިރު:

*ވިޓަމިން ސީ
*ވިޓަމިން ބީ
*ވިޓަމިން ކޭ
*ފައިބަރ
*މެގްނީޒިއަމް
*ޕޮޓޭސިއަމް

އެވޮކާޑޯގައި އަޔަންވެސް އެކުލެވިގެންވެއެވެ. މި މޭވާގައި އެކުލެވިގެންވާ ޕޮޓޭސިއަމް އަދި މެގްނީޒިއަމްގެ ސަބަބުން މާބަނޑު ދުވަސްވަރު ހޮޑު ލެވުމުން ދުރުކޮށްދޭނެއެވެ.

ލުނބޯ:
މާބަނޑު ދުވަސްވަރު ހޮޑުލެވޭ ގިނަ އަންހެނުން ފަރުވާއެއްގެ ގޮތުގައި ލުނބޯ ބޭނުންކުރެއެވެ. ލުނބޯ ފަނި ނުވަތަ ހުތް ބުއިމަކީ ހޮޑު ލެވުމުން ދުރުކޮށްދޭ ކަމެކެވެ. ލުނބޯގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެން ވެއެވެ. މިއީ ހަޖަމު ކުރުމަށް ފަސޭހަކޮށްދީ، ބަނޑު ހިކުމުން ސަލާމަތްކޮށްދޭ މޭވާއެކެވެ.

ދޮންކެޔޮ:
މިއީ އެންމެ ގިނައިން ޕޮޓޭސިއަމް ލިބޭ މޭވާއެވެ. ވިޓަމިން ބީ-6 އަދި ފައިބަރވެސް ދޮންކެޔޮ ކެއުމުން ހަށިގަނޑަށް ލިއްބައިދެއެވެ.


އާފަލު:
އާފަލަކީ ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ދިރާސާ އަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު އާފަލު ކާ އަންހެނުންގެ ދަރިންނަށް ދުޅަހެޔޮ ސިއްހަތެއް ލިބޭކަން ވަނީ ފާހަގަ ކުރެވިފައެވެ. އާފަލުގައި ވިޓަމިން އޭ، ސީ، އަދި ޕޮޓޭސިއަމް އެކުލެވިގެންވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...