ޖެކްލިންގެ ކާރު އެކްސިޑެންޓް ވެއްޖެ

ޖެކްލިން ފަނާންޑޭޒްގެ ކާރު އެކްސިޑެންޓް ވެފައިވަނީ ފިލްމު "ރޭސް 3" ގެ ތަރިން ސަލްމާން ޚާންގެ ގޭގައި ބޭއްވި ކުލަ ގަދަ ޕާޓީ އަކަށްފަހު، އެނބުރި އޭނާ ދިރިއުޅޭ ގެއަށް ދިއުމުގެ މަގުމަތީގައެވެ.

މުމްބާއީގެ ބަންދްރާ ނެއިބަރހުޑްގެ ކާޓާ ރޯޑުގައި ހިނގި މި އެކްސިޑެންޓްގައި އޮޓޯރިކްޝޯއެއްގައި ޖެހުމުގެ ސަބަބުން ޖެކްލިންގެ ކާރުގެ ހެޑް ހެޑްލައިޓްސްތައް ވަނީ ހަލާކުވެފައެވެ. އެހެންނަމަވެސް ނަސީބު ރަނގަޅު ކަމުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެކްސިޑެންޓް ހިނގާފައިވަނީ، ރޭ ދަންވަރު 2:45 ހާއިރުގައެވެ.

ޖެކްލިން ވަނީ އެކްސިޑެންޓް ހިނގިކަން ކަށަވަރު ކޮށްދީފައެވެ. ޖެކްލިން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ އޮޓޯރިކްޝޯގެ ޑްރައިވަރު މަސްތުގެ ހާލަތުގައި ހުރުމުން ކަމަށެވެ. އަދި އެންމެންގެ ހާލު ރަނގަޅު ކަމަށާއި، ފުލުހުން އެމައްސަލަ ބަލާފައިވާ ކަމަށްވެސް ޖެކްލިން ބުނެފައިވެއެވެ.

އުމުރުން 32 އަހަރުގެ ޖެކްލިން އަންނަނީ ރެމޯ ޑިސޫޒާގެ ފިލްމު "ރޭސް 3"ގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިލްމުގައި ކުޅޭ ރޯލަށް ރަނގަޅަށް ތައްޔާރު ވުމަށް ދުވާލަކު 2 ގަޑިއިރު، މިކްސްޑް މާޝަލް އާޓްސް ޕްރެކްޓިސް ކުރުމުގައި ވަގުތު ހޭދަ ކުރަމުން އަންނަ ކަމަށް ޖެކްލިން ބުނެފައިވެއެވެ.

ސަލްމާން ޚާން، އަދި ޖެކްލިންގެ އިތުރުން "ރޭސް 3"ގައި ބޮބީ ޑިއޯލްއާއި،ޑެއިޒީ ޝާހް، އަދި އަނިލް ކަޕޫރު ފެނިގެންދާނެއެވެ. ފިލްމުގެ ޓްރެއިލާ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އަދި އީދުގައި ފިލްމު ރިލީޒް ކުރާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...