ވަކި ދައުލަތެއް ހެދުމަށް ކުރި މަޝްވަރާއަކީ ބަޣާވާތްތެރި ރޭވުމެއް: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރާއި، އެމިނިސްޓްރީގެ އިސް ބޭފުޅުންގެ ބައްދަލުވުމެއް ކުރިއަށް ދަނީ

އައްޑޫ ސިޓީއަކީ ވަކި ދައުލަތެއްގެ ގޮތުގައި ހެދުމަށް ކުރި މަޝްވަރާއަކީ ބަޣާވާތްތެރި ރޭވުމެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން މިހެން ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އައްޑޫ ސިޓީއަށް ނިސްބަތްވާ ބަޔަކު ސްރީލަންކާގައި ކުރި މަޝްވަރާއެއްގައި އައްޑޫގައި ވަކި ދައުލަތެއް ގާއިމް ކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރި އޯޑިއޯއެއް މީސް މީޑިއާގައި ލީކުކޮށްލުމާއި ގުޅިގެން އެމިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. 

ނޫސް ބަޔާނުގައި ބުނީ އެއީ ދިވެހި ދައުލަތާ ދެކޮޅަށް ހިންގި ވަރަށް ނުރައްކާތެރި ،އަދި ބިރުވެރި ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އަދި އެ އަމަލަކީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކާއި އަޚުވަންތަކަން ނަގާލުމަށް ހިންގި ނާތަހުޒީބު އަމަލެއް ކަމަށާއި، އަދި އެކަން ކުރައްވާފައިވަނީ ކުރީގެ ރައީސަކު އިސްކޮށް ހުންނަވައިގެން ކަމަށް ވުމުން އިތުރަށް ކަންބޮޑުވާ ކަމަށް ބަޔާނުގައިވެއެވެ.


ހޯމް މިނިސްޓްރީން އިތުރަށް ބަޔާނުގައި ބުނެފައިވަނީ، އެ މަޝްވަރާކޮށްފައިވަނީ އަމިއްލަ އެދުމުގައި ޒާތީ ކަންކަން ހާސިލު ކުރުމަށް ކަމަށެވެ. އަދި އެ ބައެއްގެ މި ޢަމަލުން އެނގިގެން ދަނީ، އެކަން ކުރި މީހުންގެ ހިތްތަކުގައި ދިވެހި ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ ލޯތްބެއް ނެތްކަން ކަމާއި، މި ޢަމަލަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލަށް ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުގެ ތެރެއިން ވަރަށް ނުރައްކާތެރި ޙަމަލާއެއް ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެ ޢަމަލަކީ، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި ފެންނަމުންދާ ފަދަ ވަކިވެގަތުމުގެ ޙީލަތްތެރި ރޫޙުގައި ރޭވުނު ބަޣާވާތްތެރި ރޭވުމެއް ކަމަށާއި، މި ޢަމަލު ހިންގާފައިވަނީ އަމިއްލަ އެދުމާއި، މަވެތިކަން އިސްކޮށް އަމިއްލަ ޒާތީ ކަންކަން ހާސިލްކުރުމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކުރުމުގެ ނުރައްކާތެރި ނިޔަތެއްގައި ކަމަށް ވެސް ބަޔާނުގައިވެއެވެ. ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި އިތުރަށް ވަނީ، ދިވެހި ދަޢުލަތަށް ލިބިގެންވާ މުސްތަޤިއްލުކަމާއި، ދަޢުލަތުގެ ޚާއްސަ ސިފަތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކުރެވި އެކަށައެޅިފައިވާ ކަމަށާއި، އެހެންކަމުން ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި، ދިވެހި ދަޢުލަތް ފޮތިފޮތިކޮށް އެއްވެސް ގޮތަކުން ވަކިވެގަތުމަށް ބާރުލިބިދޭ ޢަމަލަކަށް ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ.

މި އަހަރުގެ ކުރީކޮޅު ލަންކާގައި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންތަކަކާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ރިކޯޑްކޮށްފައިވާ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކުވެފައިވާ އިރު، އޯޑިއޯގައި ރައީސް ނަޝީދާ މަޝްވަރާކުރުމަށް ދިޔަ އައްޑޫ މީހަކު، ދިވެހި ދައުލަތުން ވަކިވެ ވަކި ދައުލަތެއް ހަދަން ބުނުމުން، ޖަވާބުގައި ހަތިޔާރު ނެތިއްޔާ ވަތްކެއް ނުވެވޭނެ ކަމަށް ނަޝީދު ވިދާޅުވެއެވެ. ނަމަވެސް އެކަން ވެދާނެކަމަށް ނަޝީދު ވިދާޅުވެ، ބައެއް މިސާލުތައް ދައްކަވަމުން ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަކި ދައުލަތް ހެދުމަށް ކުރި މަސައްކަތުގެ ވާހަކަތައް ދައްކަވާފައިވެއެވެ.

އެމައްސަލައިގައި ރާއްޖޭގެ ގިނަ ރައްޔިތުންގެ ފާޑު ކިއުންތައް ނަޝީދަށް އަމާޒުވެފައިވާ އިރު، ދުވާލު ދެދަޅައަށް ޓުވީޓު ކުރައްވާ ނަޝީދު އޭގެ ފަހުން އެއްވެސް ޓުވީޓެއް ކުރައްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެމައްސަލައިގައި ސަރުކާރު ހިންގާ ޕީޕީއެމުން ބުނެފައިވަނީ ކޮންމެ ގޮތަކުން ވެސް ނަޝީދު ބޭނުންފުޅުވަނީ ވެރިކަން ކަމަށާއި، ނަޝީދަށް ވެރިކަމަށް ވަޑައިގަނެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ގައިދީއެއްގެ ހިތުގެ އާދޭސް
Loading...