ބޯކޯ ހަރާމްއިން ރަހީނު ކުރި މީހުންގެ ތެރެއިން 1000 މީހުން ސަލާމަތް ކޮށްފި

ނައިޖީރިޔާގައި ހަރަކާތްތެރިވަމުން އަންނަ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްއިން ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން އެއްހާސް މީހުން ސަލާމަތް ކޮށްފައިވާ ކަމަށް އެޤައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ނައިޖީރިޔާގެ އަސްކަރިއްޔާއިން ހާމަ ކުރާ ގޮތުގައި ބޯކޯ ހަރާމްގެ ކިބައިން ސަލާމަތް ކޮށްފައިވަނީ ބޯކޯ ސްޓޭޓްގެ 4 އަވަށެއްގެ މީހުން ކަމަށެވެ. ސަލާމަތް ކުރި މީހުންގެ ތެރެއިން ބައެއް މީހުންނަކީ ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިންނަށް ވުމަށް މަޖުބޫރު ކޮށްފައިވާ ފިރިހެނުންނެވެ.

ބޯކޯ ހަރާމް ޖަމާއަތަކީ ގިނަ އަދަދެއްގެ ޒުވާން އަންހެން ކުދިންވެސް ރަހީނުކޮށްފައިވާ ޖަމާއަތެކެވެ. އެގޮތުން 2014 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ނައިޖީރިޔާގެ ޗިބޯކް ސަރަހައްދުން ދުއިސައްތަ ހަތްދިހަ ހަ އަންހެން ކުދިން ރަހީނު ކޮށްފައެވެ. އެކުދިން ރަހީނު ކޮށްފައިވަނީ ޗިބޯކް ސަރަހައްދުގެ ސްކޫލަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ނައިޖީރިޔާގެ ރައީސް މުޙައްމަދު ބުހާރީ ވިދާޅުވީ، ބޯކޯ ހަރާމް ޖަމާއަތުގެ ބާރު މިހާރު ކުޑަވެފައިވާ ކަމަށާއި، އެޖަމާއަތުގެ ކިބައިން ކައިރި މުސްތަޤްބަލެއްގައި ނައިޖީރިޔާ ސަލާމަތް ކުރެވޭނެ ކަަމަށެވެ. އެހެންނަމަވެސް އެޖަމާއަތުން ގެންދަނީ ނައިޖީރިޔާގެ އުތުރު އިރުމަތީގެ ސަރަހައްދުތަކުގައި ހަމަލާތައް ދެމުންނެވެ.

ބޯކޯ ހަރާމްއިން ދިން ހަމަލާތަކުގައި ވިހި ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 2 މިލިއަން މީހުން ވަނީ އެހަމަލާތަކާއި ގުޅިގެން އަމިއްލަ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...