ނުރައްކާތެރި ހައްދުފަހަނަ އެޅުން ކުޑަކުރުމުގެ ޤައުމީ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހްކޮށްފި

ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީގެ ޚާއްޞަ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ ވާހަކަ ދައްކަވަނީ: ފޮޓޯ ޗެނަލް13

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ޓެރަރިޒަމާއި ނުރައްކާތެރި ހައްދުފަހަނަ އެޅުމާއި ދެކޮޅަށް މުހިއްމު މަސައްކަތްތަކެއް ކުރެވި، ގިނަ ކާމިޔާބީތަކެއް ހާޞިލްވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ކޯސްޓްގާރޑް ބިލްޑިންގގެ ކޮންފަރެންސް ހޯލްގައި ބޭއްވި ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީގެ ޚާއްޞަ ބައްދަލުވުމުގައި ނުރައްކާތެރި ހައްދުފަހަނަ އެޅުން ކުޑަކުރުމުގެ ޤައުމީ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވާ، ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ދިވެހިރާއްޖޭގައި ނުރައްކާތެރި ހައްދުފަހަނަ އެޅުމުގެ ފިކުރު ފެތުރުމާއި ދެކޮޅަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.


އެގޮތުން އެން.ސީ.ޓީ.ސީ ވުޖޫދަށް އައުމާއި، ޓެރަރިޒްމް މަނާކުރުމުގެ ޤާނޫނު ތަސްދީޤުކުރެވުމާއި، އިޖްތިމާޢީ ދާއިރާގައި މިހާރު ތަފާތު މިނިސްޓްރީތަކުން ކުރެވެމުންދާ ކަންތައްތަކަކީ މިކަމުގެ ފުރިހަމަ ހެކިތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ޒަޢާމަތުގައި، ޓެރަރިޒަމާއި ނުރައްކާތެރި ހައްދުފަހަނަ އެޅުމާއި ދެކޮޅަށް މުހިއްމު މަސައްކަތްތަކެއް ކުރެވި، ގިނަ ކާމިޔާބީތަކެއް ހާޞިލްވެފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ނެރުއްވާފައިވާ ސިޔާސަތުގައިވެސް މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


މިގޮތުން، އެސިޔާސަތުގައި ބަޔާންވެފައިވާފަދައިން، ދިވެހިރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކަކީވެސް އ.ދގެ ސިޔާސަތުތަކާއި އިސްތިރާޖީތަކާއި، އ.ދ އިން އެކަށައަޅާފައިވާ ޕްލޭން އޮފް އެކްޝަންއާއި އެއްވިސްނުމަކަށް ހެދިފައިވާ އެއްޗެހިކަމަށް ވުމަކީ މުހިއްމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މިފެށި އެކްޝަން ޕްލޭނަކީ ވަރަށް މުހިއްމު ޕްލޭނެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ ޕްލޭން އެކުލަވާލައި ތަންފީޒީ މަރުޙަލާއަށް އައުމުގެ ކުރިން ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީއިން އިތުރު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާނެ ކަމަށެވެ. އަދި މި އެކްޝަން ޕްލޭން އެކުލަވާލައި، ތަންފީޒުކުރުމުގައި ހުރިހާ އިދާރާތަކެއްވެސް ފުރިހަމައަށް ބައިވެރިވުމަށާއި، ޕްރޮގްރާމްތައް އިތުރުކޮށް، ރާވައިގެން ހިންގުމަށް މިނިސްޓަރ އާދަމް ޝަރީފް އިލްތިމާސް ކުރެއްވިއެވެ.


މިބައްދަލުވުމުގައި، މިއެކްޝަން ޕްލޭން އެކުލަވާލުމުގައި ފަންނީ މާހިރެއްގެ ގޮތުން މަސައްކަތްކުރައްވާ ސައިމަން ފިންލީ ޕްރެޒެންޓޭޝަންއެއް ދެއްވިއެވެ. މިޕްރެޒެންޓޭޝަންގައި، މިފަދަ އެކްޝަން ޕްލޭނެއް އެކުލަވާލުމުގައި ގެންގުޅެންޖެހޭ މައިގަނޑު ވިސްނުންތަކާއި، މިސަރަޙައްދުގެ އެހެން ޤައުމުތަކުގައި މިފަދަ އެކްޝަން ޕްލޭންތައް އެކުލަވާލުމުގައި ކުރެވިފައިވާ ތަޖުރިބާތަކާއި، ބައިނަލްއަޤްވާމީގޮތުން ގެންގުޅޭ މައިގަނޑު ވިސްނުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. 


މި ބައްދަލު ކުރެއްވުމުގައި މިނިސްޓްރީތަކުން މިކޮމިޓީއަށް ޢައްޔަން ކުރައްވާފައިވާ އިސްވެރިންގެ އިތުރުން، އ.ދ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ކޯރޑިނޭޓަރ ޝޯކޯ ނޯޑާއާއި، އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ފަންނީ ލަފާދެއްވާ މާހިރެއްގެ ގޮތުގައި މަސައްކަތްކުރައްވާ، ގަވަރނަންސް އެންޑް ޕީސްބިލްޑިންގ އެޑްވައިޒަރ ސައިމަން ފިންލީއާއި، ޔޫ.އެން.ޑީ.ޕީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...