ޕާކިސްތާނުގެ ދާޚިލީ ވަޒިރަށް ބަޑީގެ ހަމަލާއެއް ދީފި

ކެމްޕެއިން ރެލީއެއްގައި ބައިވެރިވެވަޑައިގެން އުޅުއްވަނިކޮށް، ޕާކިސްތާނުގެ ދާޚިލީ ވަޒީރު، އަހްސަން އިޤްބާލްއަށް ބަޑީގެ ހަމަލާއެއް ދީފިއެވެ.

ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެޤައުމުގެ ދާޚިލީ ވަޒީރަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާ އަރާފައިވަނީ އޭނާގެ ކޮނޑަށް ކަމަށެވެ.  އަދި ހަމަލާ ދިން ވަގުތަކީ، ނެރޯވަލް ޑިސްޓްރިކްޓްގައި އޭނާ ތަޤްރީރެއް ދެއްވާ ނިމުނު ވަގުތު ކަމަށްވެސް ޕާކިސްތާނުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ބަޑީގެ ހަމަލާއާއި ގުޅިގެން އުމުރުން 59 އަހަަރުގެ އިޤްބާލްއަށް އެކިވަރުގެ ޒަހަމްތައް ލިބުނު ނަމަވެސް، ފުރާނައަށް ނުރައްކާ ވާފަދަ އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް އޭނާގެ ފިރިހެން ދަރިފުޅު ވަނީ ހާމަކޮށްފައެވެ. މިހަމަލާއާއި ގުޅިގެން ކަމާ ގުޅުންހުރި ފަރާތްތަކުން ބުނީ، ބަޑީގެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އުމުރުން 21 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައްސަލަ ތަހްޤީޤް ކުރަމުން އަންނަ ކަމަށެވެ.

ދާޚިލީ ވަޒީރުކަން އިގްބާލަށް ދީފައި ވަނީ މިދިޔަ އަހަރުގައެވެ. އެހެންނަމަވެސް، 2013 ވަނަ އަހަރު ޕީއެމްއެލް-އެން ވެރިކަމަށް އައި ފަހުން އިގްބާލްއަކީ ކެބިނެޓް މެންބަރެކެވެ އިގްބާލްގެ ޕާކިސްތާން މުސްލިމް ލީގު ޕާޓީން ވެރިކަމުގެ ފަސް އަހަރުގެ ދައުރު މި މަހު ފަހުކޮޅު ނިންމާނެއެވެ. އެޤައުމުން ދަނީ އަންނަ ޖުލައި މަހު އާއްމު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...