އަމާނާ ތަކާފުލް މޯލްޑިވްސްއިން ޙިއްސާގެ ފައިދާގެ ގޮތުގައި 10 އިންސައްތަ ބެހުމަށް ނިންމައިފި

އަމާނާތަކާފުލް މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ޖުމްލަ ފައިދާ 6.7 މިލިއަން ރުފިޔާއަށް އަރައި، ޙިއްސާގެ ފައިދާގެ ގޮތުގައި 10 އިންސައްތަ ބެހުމަށް ނިންމައިފިއެވެ.

މިކަން އިއުލާނުކުރީ އާދީއްތަ ދުވަހު އަމާނާ ތަކާފުލްއިން ބޭއްވި އެ ކުންފުނީގެ ހަތްވަނަ އަހަރީ އާންމު ޖަލްސާގައެވެ. އަމާނާ ތަކާފުލްއިން ވަނީ ހުސްވި 2017 ވަނަ އަހަރު ރިކޯޑް އަދަދަކަށް އިންޝުއަރެންސްގެ ބަދަލު ނަގައިދީފައެވެ.

އެކުންފުނީގެ މިދިޔަ އަހަރުގެ މާލީ ނަތީޖާއަށް ބަލާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 3.9 މިލިއަން ރުފިޔާ އެކުންުފުންޏަށް ވަނީ ލިބިފައެވެ. އަހަރުން އަހަރަށް ބަލާއިރު މިއީ 87.5 އިންސައްތަ އިތުރު އަދަދެއް.

މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި 6.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ ޖުމްލަ ފައިދާއަށް ވުރެ 228 އިންސައްތަ އިތުރު އަދަދެއް ކަމަށް އަމާނާ ތަކާފުލްއިން ބުނެއެވެ. އަދި މިދިޔަ އަހަރު ނެޓް އަރންޑް ކޮންޓްރިބިއުޝަންގެ ގޮތުގައި 62.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 29 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މުއްދަތުގެ ތެރޭގައި އަމާނާ ތަކާފުލްގެ މާލީ ނަތީޖާ ރަނގަޅު ވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބު ކަމަށް އެކުންފުނިން ފާހަގަކުރާ ކަމަކީ ކުންފުނީގެ ޑިސްޓްރިބިއުޝަން ޗެނަލްތައް ހަރުދަނާ ކުރުމަށް ކޮށްފައިވާ މަސައްކަތްތަކެވެ.

ހަމައެއާއެކު ރޫޓްތައް ކަނޑައެޅުމަށް ގެނައި އިސްލާހުތަކާއި ޓެކްނޮލޮޖީއާއި ގުޅުވައިގެން ހޯދި ހައްލުތަކާއި އިންވެސްޓްމަންޓްތަކުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތަށް ހޯދުމަށް ކުރި މަސައްކަތްތަކުގެ އިތުރުން އިންޝުއަރަންސްގެ ބަދަލު ނުވަތަ ކްލެއިމްސްގެ ކަންކަން ހަރުދަނާ ކުރުމާއި، ހަރަދުތައް ބެލެހެއްޓުން އެކަށީގެންވާ ގޮތެއްގައި ހިފެހެއްޓި ހިފެހެއްޓުމަކީ ވެސް މާލީ ނަތީޖާ ރަނގަޅުވުމަށް މެދުވެރިވި ސަބަބުތައް ކަމަށް އަމާނާ ތަކާފުލްއިން ބުނެއެވެ.

މީގެ އިތުރުން އަމާނާ ތަކާފުލްއިން ބުނީ 2017 ވަނަ އަހަރުގެ ނިމުނު މުއްދަތައް ހިއްސާއެއްގެ މޫނުމަތީ އަގުގެ 10 އިންސައްތަ ޙިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމާފައިވާ ކަމަށެވެ. ހިއްސާގެ ފައިދާ ބެހުމަށްޓަކައި، ހިއްސާގެ ދަފްތަރު ބަންދުކުރާ ތާރީޚުގެ ގޮތުގައި ކަނޑައަޅާފައިވާ ތާރީޚަކީ މި ހިނގާ މެއި މަހުގެ 15 ވަނަ ދުވަހެވެ. އެ މުއްދަތުގެ ނިޔަލަށް ހިއްސާގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި ހުރިހާ ހިއްސާދާރުންނަށް ޑިވިޑެންޑް ލިބުމަށް ޝަރުތު ހަމަވާނެއެވެ.

އަމާނާ ތަކާފުލްއަކީ އިސްލާމީ ޝަރީޢާގެ އުސޫލުން އިންޝުއަރަންސް ވިޔަފާރި ހިންގާ ކުންފުނީގެ ގޮތުގައި، ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރެވިފައިވާ ހަމައެކަނި ކުންފުންޏެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...