ރޮހިންޔާ މުސްލިމުންގެ މައްސަލައާއި މެދު ކެނެޑާއިން ވިސްނަންޖެހޭ- ކެނެޑާގެ ފޮރިން މިނިސްޓަރ

ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުން އަންނަ ރޮހިންޔާ ރެފިއުޖީން ކެނެޑާއަށް ގެންދިއުމާމެދު، އެޤައުމުގެ ސަރުކާރުން ވިސްނުމަކީ އެދެވިގެންވާ ކަމެއް ކަމަށް ކެނެޑާގެ ފޮރިން މިނިސްޓަރ ކްރިސްޓިއާ ފްރީލޭންޑް ވިދާޅުވެއްޖެއެވެ.

މިޔަންމާގެ ރަޚައިން ސްޓޭޓްގައި، އެގައުމުގެ ސިފައިން ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަނާއި ގުޅިގެން އެތައް ލައްކަ ބަޔަކު ވަނީ އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކޮށްފައެވެ.  ކެނެޑާގެ ފޮރިން މިނިސްޓަރ ކްރިސްޓިއާ ވިދާޅުވީ، ރޮހިންޔާ މުސްލިމުންގެ މައްސަލައަކީ، ކެނެޑާގެ ސަރުކާރުން ސަމާލުކަން ދޭންޖެހޭ މައްސަލައެއް ކަމަށެވެ.

ކެނެޑާގެ ފޮރިން މިނިސްޓަރ މިފަދައިން ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ ހާލަތު ބެއްލެވުމަށް ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ. ބަންގްލަދޭޝްގެ ދެކުނުގައި ހުންނަ ރޮހިންޔާ ރެފިއުޖީންގެ ކޭމްޕްތަކަށް ޒިޔާރަތް ކުރެއްވުމުން ރޮހިންޔާ ދަރިކޮޅުގެ މީހުންގެ މައްސަލައަށް ބައިނަލްއަޤްވާމީ ގޮތުން ހައްލެއް ބޭނުންވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ކެނެޑާގެ ފޮރިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި އެމައްސަލަ ހައްލު ކުރުމަށް ކެނެޑާ ސަރުކާރުން މަސައްކަތް ކުރާނެކަން ފާހަގަ ކުރައްވާފައިވާއިރު، އެކަމާ ގުޅޭގޮތުން ކެނެޑާއިން އެކުލަވާލާނެ ސިޔާސަތެއް ފޮރިން މިނިސްޓަރ ހާމަ ކުރައްވާފައެއް ނުވެއެވެ.

މިޔަންމާގެ ރަހައިން ސްޓޭޓްގައި ރޮހިންޔާ ދަރިކޮޅުގެ 1 މިލިއަން މީހުން ދިރިއުޅެމުން އަންނައިރު، އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ މުސްލިމުންނެވެ. ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާއިން ދެކޭގޮތުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ ބަންގްލަދޭޝްއިން އެގައުމަށް ގަވައިދާ ހިލާފަށް އެތެރެވި ބައެއް ކަމަށެވެ.

އެހެންނަމަވެސް ތާރީހުން އެނގޭ ގޮތުގައި ރޮހިންޔާ ދަރިކޮޅުގެ މީހުން މިޔަންމާގައި ދިރިއުޅެމުން އަންނަތާ އެތައް ޒަމާންތަކެއް ވަނީ ވެފައެވެ. 2017 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 25 ވަނަ ދުވަހުން ފެށިގެން މިޔަންމާ ސިފައިން ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގި ޖަރީމާތަކާއި ގުޅިގެން 7 ލައްކައަށް ވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.

ބަންގްލަދޭޝްއަށް ހިޖުރަކުރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ މިޔަންމާގެ ސިފައިން ހިންގި އަނިޔާވެރި ޖަރީމާތަކުގައި އާއިލާގެ ގިނަ މެމްބަރުން ގެއްލިފައިވާ މީހުންނެވެ. އެގޮތުން މިޔަންމާ ސިފައިން ކުޑަކުދިންނާއި ފިރިހެނުން ގަތުލު ކުރުމާއި، އަންހެނުންގެ އިއްފަތްތެރިކަން ނަގާލުންފަދަ އަނިޔާވެރި އަމަލުތައް ރޮހިންޔާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް ވަނީ ހިންގާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...