ޕްރައިމަރީގެ ކުރިން އެމްޑީޕީ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިއްޖެ

އެމްޑިޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނީ: އެތެރޭގެ އިންތިޚާބުގެ ކުރިން ވަނީ ޚިޔާލު ތަފާތުވެފައި

އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އެންމެ ދިހަ ދުވަހަށް ވެފައިވަނިކޮށް، ޕާޓީގެ ލީޑަރ ޝިޕުގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ. 

އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރުމުގެ ފުރުސަތު މިމަހުގެ ދިހަވަނަ ދުވަހު ހުޅުވާލާއިރު، އެޕާޓީގެ ތެރޭގައި ޕްރައިމަރީގައި ވާދަކުރައްވާނެ ދެވަނަ ބޭފުޅަކު ހުންނެވިކަން ހާމަވުމުން އެކަމާ ޕާޓީ ތެރޭގައި ޚިޔާލުތަފާތުވުންތައް މިވަނީ އުފެދިފައެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހު ޕްރައިމަރީގައި ވާދަކުރައްވާނެކަން ފާޅުގައި ވިދާޅު ނުވި ނަމަވެސް، ވާދަ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަން އެނގުނު ހިސާބުން ޕާޓީގެ ލީޑަރޝިޕުގައި ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފައެވެ.

މިމަހުގެ ފަނަރަ ވަނަ ދުވަހު ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާއިރު، މިމަހުގެ ތިރީހުގައި ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ. އެމްޑީޕީގެ ތެރޭގައި މިހާރު ދެ ފެކްޝަނެއް އުފެދިފައިވާއިރު، ލީޑަރޝިޕުގެ ގިނަ ބޭފުޅުން ބޭނުންފުޅުވަނީ އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޓިކެޓް ދިނުމަށެވެ. ނަމަވެސް ނަޝީދަކީ ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަންޖެހިފައިވާ ގައިދީއެއްކަން ގަބޫލުކުރާ ބޭފުޅުން އެމްޑީޕީގައި މަދުން ނަމަވެސް ތިބުމާއެކު އެފަރާތްތަކުން ބޭނުންވަނީ ޕީޖީ ގްރޫޕުގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ދިނުމަށެވެ.

އިބޫއަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެޕާޓީގެ ރޫހާނީ ލީޑަރ ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަކީ ވަރަށް ނާދިރުކަމެކެވެ. އަދި އެކަން ކުރަން އުޅެފިނަމަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކެންޑިޑޭޓަކު ނެރުމަށް އޮތް ފުރުސަތު ގެއްލިގެންދާނެ ކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ. އަދި އިބޫއަކީ ޕާޓީގައި ގިނަ ދުވަހު އިޚުލާސްތެރިކަމާ އެކު ޚިދުމަތްކޮށްދެއްވަމުން ގެންދަވާ ބޭފުޅަކަށް ވުމުން އިބޫއަށް ރިޔާސީ ޓިކެޓް ދިނުމަށް ބޭނުންވާ ފަރާތްތައް އެމްޑީޕީގައި ތިބިކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ލީޑަޝިޕުގައި ތިއްބެވި ނުފޫޒުގަދަ ބައެއް ފަރާތްތަކުން ބޭނުންވަނީ ނަޝީދު އެކަނި ޕްރައިމަރީ އަށް ނެރުމަށެވެ.

އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ޕްރައިމަރީގައި ނަޝީދު ވާދަކުރެއްވުމުން ބައިނަލްއަޤުވާމީ ފަރާތްތަކަށް ވެސް ދައްކާނެ އެއްޗެއް އޮންނާނެއެވެ. އަދި ނަޝީދަށް ވާދަ ކުރެއްވުމުގެ ފުރުސަތު ނުދީފިނަމަ، އެންމެ ބޮޑު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުދިން ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ބުނާނެ ކަމަށް ވެސް ނަޝީދަށް ވަފާތެރި ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

އަދި ޕާޓީގެ ޕްރައިމަރީ އަކީ ހަޤީޤަތުގައި ރައީސް ނަޝީދު މިނިވަންކުރަން ލިބޭ އިތުރު ބާރަކަށް ވެގެން ދާނެ ކަމަށް ދެކޭ ބޭފުޅުން ވެސް ލީޑަރޝިޕުގައި އެބަތިއްބެވިއެވެ. ކަން މިހެން ހުރިއިރު، އެމްޑިޕީއަކީ ރޫހާނީ ލީޑަރ ހިސޯރުކޮށްގެން ގެންގުޅޭ ޕާޓީއެއް ކަމަށް، އެޕާޓީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީއަކީ އެތެރޭގެ އިންތިޚާބުތަކުގައި ވެސް ހަމަނުޖެހުން ބޮޑު ޕާޓީއެއްކަން ފާހަގަކޮށްލެވެއެވެ. އެއްވެސް ހަމައެއް ލަމައެއްނެތި އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރާއިރު، އެއްވެސް މަގާމަކަށް ދެވަނަ ފަރާތަކަށް ވާދަކުރުމުގެ ފުރުސަތު ނުދޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިފަހަރު ބާއްވާ ޕްރައިމަރީގައި ވެސް ދެވަނަ ފަރާތަކަށް ވާދަކުރުމުގެ ފުރުސަތު ނުދީ، އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ ނަޝީދަށް ހިބައިން ދީފައިވާ އެއްޗަކަށް ވާނަމަ، ޕްރައިމަރީ ބޭއްވުމުގެ އެއްވެސް ބޭނުމެއްނޯންނާނެ އެވެ.
 
އަދި މީގެއިތުރުން ޕްރައިމަރީގައި ނަޝީދު ވާދަކުރެއްވުމުން ބައިނަލްއަޤުވާމީ ފަރާތްތަކަށް ވެސް ދައްކާނެ އެއްޗެއް އޮންނާނެ ކަމަށް ބުނާއިރު، ބައިނަލް އަގްވާމީ ފަރާތްތަކުން ނަޝީދު ސިފަކުރަނީ މޮޔައެއްގެ ގޮތުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...