ރާއްޖޭގައި ނިކަމެތި ވެފައި ތިބި ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވަން ކެރިވަޑައިގަތީ މެޑަމް ފާތުން އަށް- ނިހާން

ރާއްޖޭގެ މާޒީގައި ހަވާސާވެފައި ތިބި އެތައް ބަޔަކާ ހަމައަށް ވަޑައިގަންނަވަން ކެރިވަޑައިގެންނެވި ހަމައެކަނި ފަސްޓްލޭޑީއަކީ ފާތިމަތު އިބްރާހިމް ކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.

އެކަލަސް، މިކަލަސް، ދެނަސް،ގެ ނަމުގައި ފުވައްމުލަކު ސިޓީގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ އިޖްތިމާޢީ ގޮތުން އެކަހެރި ވެފައިވާ، އެތައް ޒަމާންތަކެއް ވަންދެން އަޅާލުމާ ލޯބި، ބޭނުންވެފައިވާ ކުދިންނާ އަދި އެފަދަ މީސްމީހުންގެ ހައްޤުތަކުގައި މަސައްކަތް ކޮށްދެއްވަމުން ގެންދަވާ ފަސްޓްލޭޑީއެއް ރާއްޖޭގެ ހަޔާތުގައިވެސް މެޑަމް ފާތުން ނޫނީ ފެނިފައި ނުވާކަމަށެވެ.


އަދި އެކަމަނާ ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ދިވެހިންގެ ވިންދުގައިޖަހާ އިހްސާންތެރިކަމުގެ ވާހަކައަކީ ދިވެހި މުސްލިމުންނަށް އާ ވާހަކައެއް ނޫންކަމަށް ނިހާން ވިދާޅުވިއެވެ. ރާއްޖޭގެ މާޒީގައި ހަވާސާވެފައިތިބި އެތައް ބަޔަކާ ހަމައަށް ވަޑައިގަންނަވަން ކެރިވަޑައިގެންނެވި ހަމައެކަނި ފަސްޓްލޭޑީއަކީ މެޑަމް ފާތިމަތު އިބްރާހިމް ކަމަށް ނިހާން ވިދާޅުވިއެވެ.


މީގެއިތުރުން ނިހާން ވިދާޅުވީ ރައީސް ޔާމީން ރާއްޖެއަށް ގެންނަމުން މިދާ ތަރައްޤީއަކީ ރާއްޖޭގެ ތާރީހްގައި ދުވަހަކުވެސް ނުފެންނަވަރުގެ ތަރައްޤީއެއް ކަމަށާ، އެ މަސައްކަތްތައް ރައީސް ޔާމީން އާއިއެކުގައި ކުރެއްވި ތަރުތީބު ލިސްޓްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހް ކުރައްވާފައިވާ މަސައްކަތަކީ ސާބަސް ދިނުން ހައްޤުވާފަދަ މަސައްކަތް ތަކެއް ކަމަށެވެ. އަދި ކެތްތެރިކަމާ، ވިސްނުންތެރިކަމާއެކު މަޖިލީހުގެ ރައީސް މަޖިލީހުގައި ނިންމަވާފައިވާ މަސައްކަތްތަކުގެ ނަތީޖާއަކީ ރައްޔިތުންނާ ހަމައަށް ތަރައްޤީގެ މަޝްރޫޢުތައް އައުންކަމަށް ނިހާން ވިދާޅުވިއެވެ.


މިޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އެމްޑީޕީއަކަށް 2018 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓެއް ނުނެރެވޭނެ ކަމަށާ، މިހާރު އެމްޑީޕީވަނީ ސުންނާފަތި ވެގެން ގޮސްފައި ކަމަށެވެ. އަދި ރާއްޖޭންބޭރުގައި ފިލާހުރެ ކިތައްމެ ވަރަކަށް ނަޝީދު ވާދަކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް، ޤާނޫނު ހުއްދަ ނުކުރާހާ ހިނދަކު 2018 ގެ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...