ޖެމްސްގެ ޚިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރުން އެންގެވިކަން ހާމަވެއްޖެ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ލިޔެކިޔުންތައް ބަދަލު ކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް، ޖެމްސްގެ ހިދުމަތް މެދު ކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދު އެންގެވި ކަމަށް ޝަރީޢަތުގެ މަޖިލީހުގައި ހެކިވެރިއަކު ބުނެފިއެވެ.

ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ޝަރީއަތުގައި އިއްޔެ ވަނީ ދައުލަތުން ހުށަހެޅި ހަތަރު ހެކިވެރިންގެ ހެކިބަސް ނަގާފައެވެ. އޭގެ ތެރެއިން ތިން މީހެއްގެ ހެކިބަސް ނަގާފައިވަނީ ސިއްރުންނެވެ. ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދިން މީހަކު ބުނީ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ޖެމްސްގެ ޚިދުމަތް މެދުކަނޑާލުމަށާއި ގުޅުމަށް އުއްތަމަ ފަނޑިޔާރު އޭނާއަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އަދި އެ އިރުޝާދުގެ ދަށުން އޭނާ އައިޓީ މުވައްޒަފަކަށް ގުޅައި ޖެމްސްގެ ޚިދުމަތް މެދުކަނޑާލުމަށް އަންގާފައިވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. ޖެމްސްގެ ޚިދުމަތް މެދު ކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އިރުޝާދު ދެއްވާފައިވަނީ ފޯނުންނާއި ސީދާ ބައްދަލުވެގެން ކަމަށާއި، ފެބްރުއަރީ ފަސް ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އެންގިއިރު އަރިހުގައި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ހުންނެވި ކަމަށް އޭނާ ޝަރީޢަތުގައި ބުނެފައިވެއެވެ.

ޖެމްސްގެ ޚިދުމަތް މެދު ކަނޑާލައި އައިޓީ އޮފިސަރު ވެސް އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ސިއްރުން ހެކިބަސް ދީފަވެއެވެ. އޭނާ ބުނީ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ޖެމްސްގެ ޚިދުމަތް ދެމުންދާނީ ސުޕްރީމް ކޯޓުގެ އިސް މުވައްޒަފުގެ އިރުޝާދުގެ ދަށުން ކަމަށް އޭނާ އަންގާފައިވާ ކަމަށެވެ. އަދި އޭނާ އިރުޝާދު ދިން ގޮތަށް ޖެމްސްގެ ޚިދުމަތް މެދު ކަނޑާލީ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީން ދީފައިވާ ރައުޓަރަށް ގުޅާފައިވާ ކޭބަލް ނައްޓާލައިގެން ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.

ޝަރީއަތުގެ މަޖިލީހުގައި އެންމެ ފަހުން ހެކިބަސް ނަގާފައިވާ، އެންސީއައިޓީން ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ މީހާ، ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ބުނީ ޖެމްސްގެ ޚިދުމަތް މެދުކެނޑުނު ދުވަސްތަކުގައި އޭނާ ހުރީ ޗުއްޓީގައި ކަމަށާއި އެންސީއައިޓީން އޭނާއަށް ގުޅުމުން ޖެމްސްގައި އެއްވެސް މައްސަލައެއް އުޅޭކަން އެނގިފައި ނެތް ކަމަށެވެ. ޝަރީޢަތް ނިންމާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި އޮންނާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނެގުން ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...