ޕީޕީއެމްގެ ވަފުދެއް މިރޭ ޗައިނާއަށް ފުރާ ވަޑައިގެންފި

ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ ދައުވަތަކަށް އެގައުމަށް ފުރާ ވަޑައިގެންނެވި ޕީޕީއެމްގެ އިސް ބޭފުޅުން: ފޮޓޯ ޗެނަލް ތާޓީން

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަށް ޕީޕީއެމްގެ އިސްވެރިންގެ ވަފުދެއް މިރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަށް ޕީޕީއެމްގެ އިސްވެރިންގެ ވަފުދެއް މިރޭ ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން ޗެނަލް ތާޓީންނަށް ދެއްވި ޚާއްސަ ބަސްދީ ގަތުމެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެ އާ އުސްމިންތަކަކަށް ދަތުރުކުރާއިރު، ދުނިޔޭގައި ތަރައްގީވެފައިވާ ގައުމުތަކުން ކަންކުރަމުންދާ އުސޫލުތައް މި ދަތުރުފުޅުގެ ސަބަބުން އެނގިގެންދާނެ ކަމަށެވެ.

އަދި މިދަތުރުފުޅުގެ ސަބަބުން ސަރުކާރަށާއި، ޕީޕީއެމްއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

މީގެއިތުރުން މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ޗެނަލް ތާޓީންނަށް ދެއްވި ޚާއްސަ ބަސްދީ ގަތުމެއްގައި ވިދާޅުވީ ޗައިނާއަށް ކުރައްވާ މިދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީއަށް މިހާރު ހިންގަމުންދާ މަޝްރޫޢުތަކާއި އަދި އިތުރު މަސްރޫޢުތައް ހޯދުމަށް ވެސް މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. އަދި މިދަތުރުފުޅުގެ ސަބަބުން ރާއްޖެއަށް އެކި ދާއިރާތަކުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ސަރުކާރަށާއި ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މިދަތުރުފުޅުގައި ޕީޕީއެމްގެ އިސްވެރިންނާއި އެޕާޓީގެ ކައުންސިލް މެންބަރުންގެ އިތުރުން ޕީޖީ ގްރޫޕުގެ ބޭފުޅުންނާއެކު ޖުމްލަ އަށާރަ ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި އިސްބޭފުޅުންގެ ގޮތުގައި ވަޑައިގެންނެވީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، އަދި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ.

ހަތް ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ވަފުދުގެ ބޭފުޅުން ޗައިނާ ސަރުކާރުގެ އިސް ވެރިންނާއި، ކޮމިއުނިސްޓް ޕާޓީގެ އިސް ވެރިންނާއި، ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާނެއެވެ. އެގޮތުން ކޮމިއުނިސްޓް ޕާޓީއާ ޕީޕީއެމްއާ ދެމެދު ހުރި މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާއިރު، ދެ ޕާޓީގެ ތަޖުރިބާއާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަދި ޗައިނާގެ ބައެއް ސިޓީތަކަށް ވަފުދުގެ ބޭފުޅުން ވަޑައިގެން، އެސިޓީތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ޗައިނާ ސަރުކާރާ އެކު ބާއްވާ މަޝްވަރާ ތަކުގައި ދިވެހި ސަރުކާރާއި، ޗައިނާ ސަރުކާރާ ދެމެދު ތަރައްގީއަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އެގޮތުން ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާއިރު، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ޕީޕީއެމްއަށް ކޮންމެ އަހަރަކުވެސް ދެއްވާ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަށާރަ ބޭފުޅުންގެ މައްޗަށް އެކުލެވޭ މިވަފުދުގެ ބޭފުޅުން ފުރާވަޑައިގަތީ މިރޭ 8:30 ގައެވެ. ރައީސް ޔާމީންގެ ތަރައްގީގެ ސިޔާސަތު ތަންފީޒު ކުރުމުގައި ޗައިނާއަކީ މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...