މާމިނގިލީ އިންޓަނޭޝަނަލް ޕޯޓު ރަސްމީކޮށް ހުޅުވައި، އޮޕަރޭޝަންތައް ފަށައިފި

އަރިއަތޮޅު ދެކުނުބުރީ މާމިނގިލީގައި ތަރައްޤީކުރި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރު ރަސްމީކޮށް ހުޅުވައި، އެ ބަނދަރުގެ އޮޕަރޭޝަންތައް ފަށައިފިއެވެ.

މިކަމާ ގުޅިގެން މާމިގިލީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މާމިނގިލީ އިންޓަނޭޝަނަލް ޕޯޓް ހުޅުވައިދެއްވީ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.

ޕޯޓް ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، މާމިނގިލީގައި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއް ހުޅުވުމާއެކު އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ. އަދި މާމިނގިލީގައި ބައިނަލްއަޤްވާމީ ބަނދަރެއް ހުޅުވިގެން ދިއުމަކީ މާލޭގެ ބާރުބޮޑުވެފައިވާ ބަނދަރަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ވިދާޅުވިއެވެ.

މީގެ ކުރީގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، 2009 ވަނަ އަހަރު މާލޭ ވިޔަފާރި ބަނދަރުން 49،600 ކޮންޓެއިނަރު ކްލިއަރ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ 2017 ވަނަ އަހަރު މާލެ ވިޔަފާރި ބަނދަރުން އެކަނި ވެސް 106،700 ކޮންޓެއިނަރު ކްލިއަރ ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ސައީދު ވިދާޅުވީ މިކަމުން ވެސް ދިވެހިރާއްޖޭގެ ވިޔަފާރީގެ ވެއްޓަށް އައިސްފައިވާ ކުރިއެރުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މާމިނގިލީ ބަނދަރު ހުޅުވިގެންދާއިރު ކޮންޓެއިނަރުގައި އުފުލާ މުދަލުގެ ބަދަލުގައި ބްރޭކް ބަލްކް މުދާ އެ ބަނދަރަށް ބާލާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ބަނދަރަށް ކޮންޓެއިނަރުތައް ބޭލޭނެ ގޮތްތައް ވެސް ހަމަޖެހިގެންދާނެ ކަމަށް ޙަލީމް ވިދާޅުވިއެވެ.

ހަމައެއާއެކު އެމްޕީއެލްއިން މާމިގިލީ ބަނދަރު ސަރަޙައްދުގައި އެކި ދާއިރާތަކުން އިންވެސްޓް ކުރަން ރާވާފައިވާ ކަމަށް ޙަލީމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބޮންޑަޑް ވެއާހައުސްތަކާއި ސްޓޯރޭޖް ފެސިލިޓީތަކާއި އައިސް ޕްލާންޓެއްގެ އިތުރުން ބޯޓްޔާޑަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓްމަންޓްތައް ހިމެނޭ ކަމަށް ޙަލީމް ވިދާޅުވިއެވެ.

މާމިގިލީގައި ތަރައްޤީކޮށްފައިވާ 1،300 މީޓަރުގެ ބަނދަރުން އެމްޕީއެލްއަށް ހަވާލުކޮށްފައިވަނީ 600 މީޓަރުގެ ސަރަހައްދެކެވެ. އެމްޕީއެލްއިން ދަނީ މާމިނގިލީގެ އިތުރުން ވެރިކަންކުރާ މާލެ ސިޓީއާއި އައްޑޫ ސިޓީ ހިތަދޫ އަދި ހދ. ކުޅުދުއްފުށީގައި ހުންނަ ވިޔަފާރި ބަނދަރުތައް ވެސް ހިންގަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...