ފެލައިނީގެ ލަނޑާއެކު އާސެނަލް އަތުން ޔުނައިޓެޑް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު އެކެއް ދޭއްގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފި އެވެ.


މިއީ މި ސީޒަން ނިމުމުން އާސެނަލްގެ ކޯޗުކަމުން ވަކިވާން ނިންމި އާސެން ވެންގާގެ އިރުޝާދުގެ ދަށުން ތާރީޚީ ވާދަވެރިން ކަމަށްވާ ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ނުކުތް އެންމެ ފަހު ފަހަރެވެ. މެޗުގައި ޔުނައިޓެޑުން ލަނޑެއް ޖަހާފައިވަނިކޮށް އާސެނަލް އިން އެއްވަރުކުރި ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ގޯލެއް ޖަހައި ތިން ޕޮއިންޓް ހޯދާފައެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗު ފެށިގެން ސޯޅަވަނަ މިނެޓުގައި ޕޮގްބާ ޖެހި ލަނޑަކާ އެކު، ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް، އާސެނަލް އަށް ނަތީޖާ އެއްވަރުކޮށްދިނީ މިއަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ޔުނައިޓެޑް ދޫކޮށް އާސެނަލްއަށް ބަދަލުވި މިކިތާރިޔަން އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަތަންވެފައިވަނިކޮށް އެންމެ ފަހު ވަގުތުކޮޅު ޔުނައިޓެޑް މޮޅުކޮށްދިނީ މަރުއާން ފެލައިނީ ބޮލުން ވައްދާލި ލަނޑުންނެވެ.

 މި ނަތީޖާ އާއެކު ޔުނައިޓެޑް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކޮށްފަ އެވެ. އަދި ގަދަ ހަތަރެއްގައި އޮވެ ސީޒަން ނިންމާލުންވެސް ޗެމްޕިއަންސް ލީގުން އެޓީމަށް ވަނީ ޖާގައެއް ލިބޭނެކަން ޔަގީންވެފަ އެވެ. ޔުނައިޓެޑް އޮތީ 77 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައިގަ އެވެ. ތިންވަނައިގަ އޮތް ލިވަޕޫލަށް 72 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނައިގަ އޮތް ޓޮޓެންހަމް ވަނީ 68 ޕޮއިންޓް ހޯދާފައެވެ. ލީގުގެ އެއްވަނައިގަ އޮތީ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މެންޗެސްޓާ ސިޓީ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...