މެސީ ހެޓްރިކެއް ހެދި އިރު ބާސާ އަށް ލީގު ޗެމްޕިއަންކަން

ސްޕެނިޝް ލަލީގާގައި ރޭ ޑިޕޯޓިވޯ ލަކޮރޫނާ ކޮޅަށް ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު މެޗު ކާމިޔާބުކުރުމަށް ފަހު ބާސެލޯނާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.


ޑިޕޯޓީވޯ ލަ ކޮރޫނާ އާ ބައްދަލުކޮށް ބާސާއިން މެޗު ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ. މެސީ ހެޓްރިކެއް ހެދުމުގެ ކުރިން މިފަހުން ބާސާ އަށް ބަދަލުވި ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ފިލީޕޭ ކޫޓީނިއޯ ކާމިޔާބުކުރި ލަނޑަކާ އެކު ބާސާއިން ލީޑު ނަގާފައިވަނިކޮށް، ބާސާގެ ލީޑު މެސީ ފުޅާކޮށްދީފައިވަނީ 38 ވަނަ މިނެޓުގައެވެ. އޭގެ ދެ މިނެޓު ފަހުން ޕީރޭޒް ވަނީ ލަނޑެއް ޖަހައި ޑިޕޯޓިވޯ އަށް އުންމީދު އާ ކޮށްދީފަ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން 64 ވަނަ މިނެޓުގައި ކޯލަކް ލަނޑެއް ޖެހުމާ އެކު މެޗުގައި ފުރަތަމަ ފަހަރަށް ޑިޕޯޓިވޯ އިން ނަތީޖާ އެއްވަރުކުރި އިރު، މެޗުގެ ފަހު ދިހަ މިނެޓު ތެރޭ މެސީ ވަނީ އިދިކޮޅު ޓީމުގެ ގޯލު ދެ ފަހަރެއްގެ މަތިން ފޫ އަޅުވާލައި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ. މިއީ ބާސެލޯނާގެ ތާރީހުގައި އެ ޓީމުން ލަލީގާގެ ޗެމްޕިއަންކަން ހޯދި ފަންސަވީސްވަނަ ފަހަރުކަން ފާހަގަކޮށްލެވޭ އިރު، ލީގުގައި ބާކީ ހަތަރު މެޗު އޮތް އިރު، ލީގުގައި ބާސާ މެޗަކުން ބަލިވެފައެއް ނުވެ އެވެ.


ނަމަވެސް، ތާރީހީ 25 ވަނަ ޓްރޮފީ ހޯދި ނަމަވެސް، ވާދަވެރި ރެއާލް މެޑްރިޑުން ވަނީ ބާސާ އަށްވުރެ 8 ލީގު ޓްރޮފީ އިތުރަށް ހޯދާފަ އެވެ. މިއީ ބާސެލޯނާގެ ކޯޗުކަމާ އާނެސްޓޯ ވަލްވާޑޭ ބަދަލުވި ފަހުން އޭނާގެ އިރުޝާދުގެ ދަށުން ބާސާއިން ހޯދި ފުރަތަމަ ލީގު ޓްރޮފީ އެވެ. އުމުރުން ފަންސާސް ހަތަރު އަހަރުގެ ކޯޗު ލީގު ކާމިޔާބުކުރި އިރު، އޭނާގެ އުކުޅުތަކަށްވަނީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފަ އެވެ. ބާސާއިން ލީގު ޓްރޮފީ ހޯދި އިރު، އެ ޓީމުން ސްޕެނިޝް ލީގު ކަޕް ކޮޕާ ޑެލް ރޭ ހޯދިކަންވެސް ފާހަގަކޮށްލެވެ އެވެ. ބާސާ އިން ލީގުގެ ޗެމްޕިއަންކަން ހޯދި އިރު، ލީގުގެ އެއްވަނައިގަ އެ ޓީމުން އޮތީ 86 ޕޮއިންޓާއެކުގައެވެ. ދެވަނައިގަ އޮތް އެތުލެޓިކޯ މެޑްރިޑަށް 75 ޕޮއިންޓް ލިބިފައިވާ އިރު، ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ ތިންވަނައިގަ 71 ޕޮއިންޓާ އެކުގަ އެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...