ބަޔާން މިއުނިކް އަތުން ހަނި ގޮތަކަށް ރެއާލް މޮޅުވެ ފައިނަލާ ގާތަށް!

ވިލާތު ބައްރުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ ބަޔާން މިއުނިކާ ދެކޮޅަށް ނުކުމެ ދެ ލަނޑު ޖެހުމަށް ފަހު މުބާރާތުގެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ސެމީގެ ފުރަތަމަ ލެގު ކާމިޔާބުކޮށްފި އެވެ.


ބަޔާން މިއުނިކްގެ އަމިއްލަ ދަނޑު، އަލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ. އެ ޓީމުން ވަނީ ރެއާލްގެ ގޯލަށް ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެހެން ނަމަވެސް، ފުރަތަމަ ހާފުގައި މުހިއްމު ކުޅުންތެރިއާ އާޔަން ރޮބަން އާއި ޑިފެންޑަރު ޖެރޯމް ބޯޓޭންގްއަށް އަނިޔާވެ އެ ކުޅުންތެރިން ބަދަލުކުރަން ޖެހުމާ ގުޅިގެން ބަޔާނަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. މެޗުގެ އަށާވިސްވަނަ މިނެޓުގައި ބަޔާންގެ ކޮލަމްބިއާ މިޑްފީލްޑަރު ހަމެސް ރޮޑްރިގޭޒް ތަނަވަސްކޮށްދިން ބޯޅައެއް ހިފައިގެން ގޮސް ރެއާލްގެ އޭރިއާ ތެރެއިން އެ ޓީމްގެ ކީޕަރު ކޭލާ ނަވާސް ކައިރިން ގޯލެއް ވައްދާލުމަށް ފަހު ކިމިޗް ބަޔާނަށް ލީޑު ނަގައިދިން އިރު، އެ ޓީމުން ވަނީ ކުރިއަށް ހުރި މިނެޓުތަކުގައި ރެއާލްގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ.


ނަމަވެސް، މިދިޔަ ދެ ސީޒަނުގައިވެސް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ރެއާލް މެޑްރިޑްގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ފެންވަރު ވަނީ މި މެޗުގައި ދައްކާލާފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާންގެ އޭރިއާ ބޭރުން މާސެލޯ ހިތްގައިމު ގޯލެއް ޖެހި އިރު، ޒުވާން ކުޅުންތެރިއާ މާކޯ އެސެންސިއޯ ވަނީ ދެވަނަ ހާފްގެ ކުޅުން ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ދެވަނަ ލަނޑެއް ޖަހާފަ އެވެ. މި ނަތީޖާ އާއެކު، މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ނަމަ، އަންނަ އަންގާރަ ދުވަހު ކުޅޭ ދެވަނަ ލެގުގައި ބަޔާނުން މަދުވެގެން ދެ ލަނޑު ޖަހަން ޖެހޭނެ އެވެ.

އަދި ބަޔާންގެ މައްޗަށް ރެއާލް މެޑްރިޑް ކުރިހޯދައިފި ނަމަ ޖެހިޖެހިގެން ހަތަރު ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ރެއާލް ދަތުރުކުރާނެ އެވެ. ރޭގެ މެޗުން ބަލިވުމާ އެކު، ބަޔާނާއި ރެއާލް އެންމެ ފަހުން ބައްދަލުކުރި ހަ ފަހަރުވެސް ބަޔާން ބަލިވެފައިވާކަން ފާހަގަކޮށްލެވެ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...