ޣާޒާގެ މުޒާހަރާ ކަވަރ ކުރަމުންދިޔަ ނޫސްވެރިޔަކު ޝަހީދުވެއްޖެ

ފަލަސްތީނު ރައްޔިތުން ޣާޒާގެ ބޯޑަރު ކައިރީ ކުރަމުން އަންނަ މުޒަހަރާ ކުރިޔަށްދާގޮތް ރިޕޯޓުކުރަމުން އައި ފަލަސްތީނުގެ ނޫސްވެރިއަކު އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުވެއްޖެއެވެ.


ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ހާމަކުރާ ގޮތުގައި، އިސްރާއީލުން ދިން ބަޑީގެ ހަމަލާގައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 24 އަހަރުގެ އަހުމަދު އަބޫ ހުސެއިނެވެ. އަހުމަދު ޝަހީދުވެފައިވަނީ ވަޒަނެއް އޭނާގެ ބަނޑަށް އަރައިގެން ތެލް ހަޝޯމާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ކަމަށްވެސް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެއެވެ.


އަހުމަދު މަރާލާފައިވާއިރު، މިއީ ޣާޒާގައި ކުރަމުން އަންނަ މުޒާހަރާ ކުރިޔަށްދާގޮތް ރިޕޯޓުކުރަމުން އަންނަނިކޮށް މަރާލި ދެވަނަ ނޫސްވެރިޔާއެވެ. މަންޒަރު ދުށް ފަރާތެއް އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަހުމަދު މަރާލިއިރު އޭނާ ހުރީ ނޫސްވެރިއެއްކަން އަންގައިދޭ ފާސްވެސް އަޅައިގެން ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކޮމެޓީގެ ކޯޓިނޭޓަރ ޝާރިފް މަންސޫރު ވިދާޅުވީ، މުޒާހަރާތައް ކުރިޔަށްދާގޮތް ރިޕޯޓުކުރާ ނޫސްވެރިންނަކީ މުޒާހަރާގެ ބައިވެރިން ނޫންކަމުން އެމީހުންނަށް އޮފިޝަލުންގެ ފަރާތުން އިތުރު ރައްކާތެރިކަން ލިބެން ޖެހޭނެކަމަށެވެ.


އިސްރާއީލުގެ ޑިފެންސް މިނިސްޓަރ މީގެ ކުރިން ދެއްވި އިންޒާރު މެސެޖެއްގައި ވިދާޅުވެފައިވަނީ، ޣާޒާގެ ބޯޑަރު ކައިރީ ކުރަމުން އަންނަ މުޒާހަރާތަކުގައި، ފަލަސްތީނުގެ އެއްވެސް ރައްޔިތަކު އިސްރާއީލްގެ ފެންސާ ކައިރިވެއްޖެނަމަ އޭނާގެ ފުރާނައަށް ނުރައްކާވާނެ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާގައި މިހާތަނަށް ސާޅީސް މީހުން މަރުވެފައިވާއިރު، ފަސްހާހަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...